ކްރިޕްޓޯކަރަންސީއާ ގުޅުވައިގެން އެމަނިކުފާނުގެ ނަން ބޭނުންކޮށްގެން ފަތުރަމުންދާ މައުލޫމާތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ނަމާއި ސޫރަ ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީގެ މަޝްރޫއެއްގެ ވާހަކަ ދެއްކުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ހަރަކާތެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް އެއްވެސް މިންވަރަކަށް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ޝާހިދު ވަނީ ދެއްވާފައެވެ.
ޝާހިދު ވިދާޅުވީ، "ކޮމަންވެލްތު ޔޫނިއަން" އާއެކު އެމަނިކުފާނު މުއާމަލާތް ކުރެއްވީ ހަމައެކަނި ބައިނަލްއަގުވާމީ ދާއިރާއާ ގުޅުންހުރި އިންޓަވިއުއެއް ދިނުމަށް ކަމަށެވެ. އެ އިންޓަވިއު ދިނުމުގެ ތެރޭގައި ވެސް، އެމަނިކުފާނުގެ ނަމާއި ފޮޓޯ އެއްވެސް ބާވަތެއްގެ އިސްތިހާރެއްގައި ނުވަތަ އެ ނޫން ވެސް ކަމެއްގައި ބޭނުން ނުކުރުމަށް އެ ފަރާތަށް ސަރީހަކޮށް އަންގާފައިވާނެ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ޝާހިދުގެ ފޮޓޯ ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީގެ ވިޔަފާރިއަށް ހިތްވަރުދޭ ފަދަ އިސްތިހާރުތަކެއް ސޯޝަލް މީޑިއާގައި ފުޅާދާއިރާއެއްގައި ދައުރުވަމުންދާ ވަގުތެއްގައެވެ.
މިފަދަ އޮޅުވާލުންތަކާއި މަކަރުވެރި ހީލަތްތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުންނާއި ޝާހިދު ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.





