10 ދުވަހުގެ ތެރޭގައި ލިކުއިޑް ގޯލްޑަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 6 މިލިޔަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ، ލިކުއިޑް ގޯލްޑަންގެ ފަރާތުން ފެނަކަ ކޯޕަރޭޝަނަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކުގެ އަގަށްވާ 9.4 މިލިޔަން ރުފިޔާ ފެނަކައިން ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ލިކުއިޑް ގޯލްޑްގެ ފަރާތުން ފެނަކައިގެ މައްޗަށް ސިވިލްކޯޓުގައި ދައުވާކުރި މައްސަލައެކެވެ.
މި މައްސަލައިގައި އެ ދެފަރާތުގެ ހާޒިރުގައި އިބްތިދާއީ އަޑުއެހުމެއް ބޭއްވުމުން، ކޯޓުން ބޭރުގައި ދެފަރާތުން މަޝްވަރާކޮށް މައްސަަލަ ހައްލު ކުރުމަށް 30 ދުވަހުގެ މުއްދަތު ދިނުމަށް ދެފަރާތުން އެދިފައިވާތީ އެކަމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މަދަނީ އިޖުރާއަތުގެ ގާނޫނުގައި ވާގޮތުގެ މަތިން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުުރުމުގެ ނޯޓިސް ދެފަރާތައް ދިނެވެ.
އެކަމާ ގުޅިގެން ދެ ފަރާތުން މަޝްވަރާ ކުރުމަށްފަހު ލިކުއިޑް ގޯލްޑަންގެ ފަރާތުން ފައިސާ ހޯދުމަށް އެދުނު 27 އިންވޮއިސްގެ ތެރެއިން 21 އިންވޮއިސްއަކަށް ދައްކަންޖެހޭ ހަ މިލިޔަން ރުފިޔާ އަކީ ދައްކަންޖެހޭ ފައިސާކަމަށް ފެނަކައިން އެއްބަސްވެ 18 ޑިސެމްބަރު 2025 ގައި ފެނަކައިގެ ފަރާތުން ޝަރީއަތަށް ބަޔާން ހުށަހެޅިއެވެ.
ނަމަވެސް ދައްކަން އެއްބަސްވި ފައިސާ ދައްކަން ވަކި މުއްދަތެއް ލިކުއިޑް ގޯލްޑަންގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އެހެން ކަމުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި، ލިކުއިޑް ގޯލްޑަންއަށް ފައިސާ ދައްކަންޖެހޭ ކަމަށް ފެނަކައިން އެއްބަސްވެފައިވާ ބަޔަށް ހުކުމް ކޮށްދިނުމަށް އެދި މިދިޔަ މާޗްމަހުގެ 16 ގައި ލިކުއިޑް ގޯލްޑަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެ ހުށަހެޅުމުގައި ލިކުއިޑް ގޯލްޑަންގެ ފަރާތުން އެދިފައި ވަނީ، ފެނަކައިން އެއްބަސްވި 6 މިލިޔަންރުފިޔާ 10 ދުވަހުގެ ތެރޭގައި ލިކުއިޑް ގޯލްޑަންއަށް ދައްކަން ފެނަކައަށް އަންގައި އަމުރުކޮށް ދިނުމަށާއި، އެއްބަސް ވެފައިނުވާ ފައިސާއާމެދު ގޮތެއް ކަނޑައަޅައިދިނުމަށެވެ.
މި ހުށަހެޅުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމްކުރީ، ލިކުއިޑް ގޯލްޑަށްއިން ހޯދުމަށް އެދިފައިވާ 6 މިލިޔަން ރުފިޔާއަކީ، އެ ކުންފުންޏަށް ފެނަކައިން ދައްކަންޖެހޭ ފައިސާކަން ފެނަކައިގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ކޯޓުން ހުކުމްކުރި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި މި ފަިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައަށް އަންގައި އަމުރުކުރާ ކަމަށްވެސް ހުކުމުގައިވެއެވެ.





