ގުޅީފަޅު ބޭރުގައި އޮތް ދޯންޏެއްގައި ރޯވެއްޖެއެވެ.
ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީ) އެފް އިން ބުނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2″ ނަކަމަށް ކިޔާ ދޯނީގައި ރޯވި ހާދިސާގެ މައިލޫމާތު މިއަދު 13:22 ހާއިރު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ދަތުރުކުރި ކަމަށެވެ.
އެތަނަށް ފަޔަފައިޓަރުން ގޮސް ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ 14:45 ހާއިރުކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ފަސް މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.





