ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓުން ކުރި ހުކުމުގައި ހިމެނޭ މަރުގެބައި އުނިކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު މެންދަމު 01:50 އެހައިކަންހާއިރ،ު މި މައްސަލައިގައި ހިމެނޭ ކުއްޖާ އާއި އިތުރު ކުދިންތަކަކާއި އިތުރު ބަޔަކާއެކު، ފިނޭންސް މިނިސްޓްރީ ކުރިމައްޗަށްވާ ގޮތަށް އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑު ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގައިގެ އެތަން މިތަނަށް ތޫނު ހަތިޔާރުން ހަމަލާދީ ބޮޑެތި ޒަހަމްތަކެއް ދިނުމާ ގުޅިގެން އޭނާ މަރުވި މައްސަލައެކެވެ.
މި ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ބޭސް ފަރުވާ ކުރަމުން ދަނިކޮށް އޭނާ މަރުވީ ހަމަ އެދުވަހުގެ ފަތިހު 4:40 އެހާކަންހާއިރު އެވެ.
މިހާދިސާއާ ގުޅިގެނ،ް މި މައްސަލައިގައި ހިމެނޭ ކުއްޖާ އާއި އިތުރު ކުދިންތަކެއްގެ މައްޗަށް ގަސްތުދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން ޖުވެނައިލް ކޯޓުގައި ކުރިއެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ ކުށްޖާާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައ،ި މި ހާދިސާގައި ނިޔާވި މީހާގެ ވާރިސުންގެ ގޮތުގައި ހިމެނޭ 26 ވާރިސުން ވެސް ގާތިލުންގެ ކިބައިން މަރަށްމަރު ހިފަން ބޭނުންވާ ކަމަށް ޝަރީއަތުގައި ބުނެފައިވާތ،ީ އެ ކުއްޖާއަށް ދޭންޖެހޭ އަބަދަކީ މަރުގެ އަދަބުކަމަށްވުމުނ،ް އެ ކުއްޖާ މެރުމަށް ދޭއް މެއި 2013 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ހުކުމް ކުރިއެވެ.
ޖުވެނައިލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ ކުއްޖާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް މި މައްސަލައިގައި 29 ނޮވެމްބަރު 2016 ގައި ހައިކޯޓުން ތާއީދު ކުރީ ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކުރާ ކަމަށެވެ.
މަރުގެ ހުކުމެއްނަމަ ގާނޫނުލް އުގޫމާތުގައިވާގޮތުގެމަތިން، އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެއެވެ. އެ ގޮތުގެ މަތިން އެ މައްސަލަވެސް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ނަމަވެސް ނިހާއީ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި، އުމުރުން 18 އަހަރު ވުމަށްފަހުވެސް 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެކަމަށް ބަޔާންކޮށްފައިވާތ،ީ އެ މައްސަލަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ މައްސަލައެއްނޫން ކަމަށް ބުނ،ެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން 23 ފެބްރުވަރީ 2021 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިއެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހުގެ އަލީގައ،ި ހުކުމް ތަންފީޒު ކުރަމުންދާ ކުދިންގެ މައުލޫމާތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބޭ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންޖެހޭތީ، މި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާގެ ބައިވެސް ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާކަމަށްވެސް އެ ސިޓީގައި ބަޔާންކުރިއެވެ.
އެހެންކަމުން ނިހާއީ މައްސަލައިގެ ފޯމ،ު 14 މާޗް 2021 ގައި ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ. އަދި ޖުވެނައިލް ކޯޓަށް ފޮނުވި މައްސަލައާ ގުޅިގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އެ ކުއްޖާ ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރި ކުރުމަށް 22 ފެބްރުއަރީ 2022 ގައި ޖުވެނައިލް ކޯޓުން އަމުރުކުރިއެވެ.
ނަމަވެސް އެ އަމުރު ނެރުމަށް ބޭއްވި އަޑުއެހުމުގައ،ި މަތީ މަރުޙަލާގެ ކޯޓަކުން ބާތިލުނުކޮށް އެ ކުއްޖާއަށް ކުރި މަރުގެ ދެމި އޮތްހާ ހިނދަކ،ު އެހެން އަދަބަކަށް ބަދަލު ނުކުރެވޭނެ ކަމަށް ޖުވެނައިލް ކޯޓުން ބުނެފައިވާތ،ީ އެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރި ހުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި 30 ޖުލައި 2024 ވަނަ ދުވަހު ކުޑަކުއްޖާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އެއާ ގުޅިގެން އެ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށ،ް ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ހިމެނޭ، ކުއްޖާ މެރުމަށް ހުކުމްކޮށްފައިވާ ބަޔަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފް ކަމަށްބުނެ އެ ބައި އުނިކޮށްދޭން އެ ކުއްޖާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އެ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ބުނެފައި ވަނ،ީ މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ނަމަވެސ،ް އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކ،ީ މިހާރު އިސްތިއުނާފުކުރާ ކުއްޖާގެ މައްޗަށް ތަންފީޒު ކުރެވޭނެ އަދަބެއް ނޫންކަމަށެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ، ހައިކޯޓުގެ ހުކުމްގައިވާ، ކުއްޖާ މެރުމަށް ކަނޑައަޅާފައިވާ ހުކުމާއި، އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމުގެ ބައި ބާތިލް ކަމަށެވެ. އަދި މި މައްސަލައިގައި އަދަބު ކަނޑައެޅުމަށްޓަކައި މި މައްސަލަ ޖުވެނައިލް ކޯޓަށް ތަހުވީލު ކުރުމަށް ވެސް ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.





