ވަކި ބަޔަކަށް ޕީއެސްއެމުން ފުރުސަތުދޭތީ މީކާއީލް ހުށަހެޅި ގަރާރު ބޭރު ކޮށްލައިފި

ވަކި ބަޔަކަށް ޕީއެސްއެމުން ފުރުސަތުދޭތީ މީކާއީލް ހުށަހެޅި ގަރާރު ބޭރު ކޮށްލައިފި

އެޑިޓޯރިއަލް މިނިސްވަންކަން ނަގާލައި ވަކި ބަޔަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ފުރުސަތު ދޭ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރު ކޮށްލައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ. މިގަރާރުގެ އިބުތިދާއީ ބަހުސް ނިންމައި ގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ، މިއަދު ނެގި ވޯޓުގައި ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 8 މެންބަރުން އެކަންޏެވެ. 54 މެންބަރުން ތިއްބެވި މިއަދުގެ ޖަލްސާއިން އެ ގަރާރު ބޭރުކޮށްލީ، ސަރުކާރު ހިންގާ ޕީއެންސީގެ 45 މެންބަރުންގެ ވޯޓުންނެވެ.

މި ގަރާރުގައި ބުނެފައި ވަނީ، ޕީއެސްއެމްގެ މަގްސަދަކީ ގާނޫނުގައި ކަނޑައަޅާފައިވާ އާއްމު އުސޫލުތަކާއި ސިޔާސަތުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ރާއްޖޭގެ އެންމެހާ ސަރަހައްދު ތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

ދައުލަތުގެ މީޑިއާގެ ސިޔާސަތުގެ ގޮތުގައި، އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންގެ މެދުގައި ޕީއެސްއެމްގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމާއި ޕީއެސްއެމް އިން ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތް ކުރުން ކަންޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތް ކުރުމާއި ރައްޔިތުންނަށް މުހިއްމުވާނެ ބައިނަލް އަގްވާމީ އެކި ކަންކަމާއި، ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަމުގައި ގާނޫނުގައި ބަޔާންވެގެންވޭ،" ގަރާރުގައިވެއެވެ.

އެކަން އެހެން އޮއްވައި، ގާނޫނާއި އުސޫލުތަކަށް ބެލުމެއްނެތި ގައުމީ، ނުވަތަ ބަނޑާރަ މީޑއާގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަކުގައި ވަކި ބަޔަކަށް ފުރުސަތު ދީ ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގާލައި ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ބަންޑާރަ މީޑިއާގެ ޗެނަލްތަކުން މަސައްކަތްކޮށްފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އިދިކޮޅު އެމްޑީޕީއަށް ނުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރަލް މިނިވަންކަން ކަށަވަރުކޮށް ދީފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *