ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގައި ކުރެއްވި މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، 2023 ވަނަ އަހަރު އަމިއްލަ ޕާޓީގެ (އެމްޑީޕީ) ވެރިކަން ބަދަލު ކުރުމުގައިވެސް އެމަނިކުފާނުގެ ދައުރެއް އޮތްކަމަށް ނުސީދާކޮށް ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުންގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.
ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ މުޅި ސިޔާސީ ޙަޔާތުގައި އެންމެ ރަނގަޅަށް ކުރަން އެނގޭ ކަމަކީ ވެރިކަމުގައި ތިބޭ މީހުން ވެރިކަމުން ބޭލުން ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމާއި، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިކަން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑަށް ޙަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން. ރައީސް މައުމޫން 30 އަހަރު ވެރިކަމުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ. ރައީސް ޔާމީން ހުރިހާ ބާރުތަކަކާއެކުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރު އޭރު އޮތް އެމްޑީޕީގެ ސަރުކާރު ބަދަލުވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ ވެރިކަން ބަދަލުކުރި ކަމުގެ ތުހުމަތު ގިނަ ބަޔަކު ކުރާ ކަމަށާއި، އެކަންވެސް ކުރެއްވީ އެމަނިކުފާނު ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.
"ދެން ތިބޭފުޅުން އެބަ އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރޭ އަޅުގަނޑުމެންގެ އަމިއްލަ ވެރިކަމެއްވެސް ބަދަލުކުރި ކަމަށް." ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އާންމު މެމްބަރުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރައްވަން ނަޝީދު އުޅުއްވި ކަމަށް އަމިއްލަފުޅަށް އެއްބަސްވެވަޑައިގަތުން ކަމަށެވެ. ނުސީދާކޮށް އެއްބަސްވެވަޑައިގަތުން ކަމަށެވެ. އަދި ނަޝީދު އެހެން ވިދާޅުވީ ފަޚުރުވެރިކަމާއެކުގައި ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް ޕާޓީގެ ރައީސް ކަމުގައި ހުންނަވައި ޕާޓީގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރެއްވުމަށްފަހު، ފަހުން އެހެން ޕާޓީއެއް ހައްދަވައިގެން އެމްޑީޕީގެ ވެރިކަން ބަދަލު ކުރުމުގައި އިސްރޯލެއް އަދާކުރެއްވި ކަމަށް ނަޝީދު މިއަދު ފަޚުރުވެރިކަމާއެކު އެ ވާހަކަ ދެއްކެވުމަކީ އާންމު މެމްބަރުންގެ އިހްސާސްތަކަށް އިހްތިރާމް ނުކުރުން ކަންވެސް ފާހަގަ ކޮށްފައިވެއެވެ.
އެގޮތަށް ވާހަކަ ދެއްކެވުމަށްފަހު، އެމްޑީޕީގެ ވެރިކަން ބަދަލު ކުރަން ނޫޅުއްވާ ކަމަށް ނަޝީދު ވިދާޅެއްނުވިއެވެ. މެމްބަރުންގެ ތުހުމަތުތަކާ ނަޝީދު ދެކޮޅެއް ނުހައްދަވައެވެ. ފެނުނީ ފަޚުރުވެރިކަމާއެކު އެކަން ކުރެއްވިކަމަށް އެއްބަސްވެވަޑައިގަންނަވާ ކަހަލަ ގޮތެކެވެ.
ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުންނާއި އިސް ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، ޕާޓީގެ އެތެރޭގެ އިންތިޚާބުން ނާކާމިޔާބު ވުމުން ޕާޓީ ދޫކޮށް ގޮސް، ވާދަވެރިންނާ ގުޅިގެން އަމިއްލަ ޕާޓީގެ ވެރިކަން ވައްޓާލުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއް ނޫނެވެ. އަދި އެއީ ޕާޓީގެ އާންމު މެންބަރުންނަށް ވެވުނު ބޮޑު ޚިޔާނާތެއްގެ ގޮތުގައި މެންބަރުން ސިފަކުރެއެވެ.
އެމްޑީޕީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ނަޝީދުގެ އަމިއްލަ އެދުންފުޅު އިސްކުރައްވައި 2023 ވަނަ އަހަރު ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ މިއަދު ގައުމު މިދާ މިސްރާބު ކަމަށާއި، އަމިއްލަ ޕާޓީގެ ވެރިކަން ވައްޓާލި ކަމަށް އިއުތިރާފުވުމަކީ އެމަނިކުފާނުގެ ސިޔާސީ ނާކާމިޔާބީ ހާމަވާ ކަމެއް ކަމަށެވެ.
ނަޝީދުގެ މި ވާހަކަފުޅުތައް އައިސްފައި ވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރެއްވުމަށްފަހުގައެވެ.





