ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސްގެ ދެމަފިރިން މިއަދު ލަންކާއަށް ވަޑައިގަތް ނަމަވެސް، އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު މަޝްވަރާ ކުރައްވާނެއެވެ. އޭގެ ތެރޭގައި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ތަރިކަ އާއި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އާ ގޮތްތަކާ ގުޅޭގޮތުން ވާހަކަދެކެވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު 'ރާއްޖެ-ސްރީލަންކާ ބިޒްނަސް ފޯރަމް' ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ހާލު ބެއްލެވުމަށް ވެސް ވަނީ ނިންމަވާފައެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ގުޅިގެން، ސްރީލަންކާގެ ރައީސް ޑިސަނާޔަކެ ވެސް ވަނީ މިދިޔަ ޖުލައި މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.





