މީޑިއާއަކީ، ގާނޫނު އަސާސީގައި ސަރީހަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތޯބުގައެވެ.
ރައީސްގެ ހިތޯބު ފައްޓްވާފައިވަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ހާއްސަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ފޮނުއްވަމުންނެވެ.
ރައީސް ފާހަގަ ކުރައްވާފައިވާ ގޮތުގައި، ރައްޔިތުން ބާރުވެރިކުރުވުމާއި، މައުލޫމާތު ހޯދައި ޒިންމާދާރު ކުރުވަނިވި ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރު ކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެވެ.
"ޒިންމާދާރު ނޫސްވެރިކަމުގެ ވާހަކަ ދައްކާއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުސަތު ދެވިފައިވާ ކަމެކެވެ. އިސްލާމްދީނުގައި ހިޔާލުފާޅުކުރުމުގައި ހިފަހައްޓަން ޖެހޭ އިންތަކަކާއި މިންތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން ހިޔާލުފާޅުކުރުމުގައި އަހުލާގީ މިންގަނޑުތަކަށް ތަބާވުމާއި، މުޖުތަމައުގެ އާންމު މަސްލަހަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައިވަނީ ބާރުއަޅުއްވާފައެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.
ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި، މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި މި އޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށެވެ. އިންސާނީ ހައްގުތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީވެސް ނޫސްވެރިކަމުގެ މިނިވަންކަމާއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމު ކަނޑައެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.
"ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަސްލަހަތެވެ. ދިވެހި ނޫސްވެރިންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން މިއަދުވެސް އަރުވަމެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން އެންމެން ވަރަށް ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީއާއި، މަދަނީ ހައްގުތަކާއި އިންސާނީ ހައްގުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ. އަދި ނޫސްވެރިންނާއި، ޑިޖިޓަލް ހައްގުތައް ހިމާޔަތްކުރާ ފަރާތްތަކާއި، ޓެކްނޮލޮޖިސްޓުންނާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މަދަނީ ޖަމިއްޔާތަކާއި، އިލްމީ ދާއިރާތަކާއި، ދިރާސާވެރިންނާއި، ޒުވާނުން ލީޑަރުން އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކަށް އާ ހައްލުތައް ހޯދުމަށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ.
ނޫސްވެރިކަމުގެ މުސްތަގުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމު ކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. މޯލްޑިވްސް 2.0 ގެ ތަސައްވުރު ހަގީގަތަތަކަށްވެގެންދާއިރު، ހުރިހާ ގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަގުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ހަމައެހެންމެ ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭ ކަމަށާއި ރާއްޖޭގެ އާބާދީ ކުޑަކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެކަމަށް ހައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ވިލުންތެރި ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ އިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން މިއަންނަނީ ދެމުން ކަމަށާއި އެގޮތުން، މީޑިއާއަށް ކޮށްދޭނެ ކަމަށް ވީ ވައުދުތައް ފުއްދަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ތަރައްގީ ކުރުމަށާއި، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރާނެ މަގު ފަހިކޮށްދިނުމަށް، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، ދެފުށް ފެންނަ ވަކިއުސޫލެއްގެ ތެރެއިން ދޭން ނިންމީވެސް ކުރިން ދެންނެވި މަގަށް ދިވެހި މީޑިއާ ތަރައްގީކުރުމަށް ފުރުސަތު ފަހިކުރުމަށް ކަމަށާއި މީޑިއާ ވިލެޖުވެސް ދާދި އަވަހަށް ހުޅުވި އެތަނުގެ ހިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ މީޑިއާ ބޮޑުވެ، ފުޅާވެ އަދި މިކަމުގެ ތެރެއަށް ވަންނަ ޒުވާނުން އިތުރުވަމުންދާކަމީ އަޅުގަނޑު އެކަމަކަށްޓަކައި ފަހުރުވެރިވާކަމެކެވެ. ދިވެހިރާއްޖެއަކީ، އާބާދީގެ ނިސްބަތުން މީޑިއާތައް އެންމެ ގިނަ ގައުމެވެ. މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި ނޫސްވެރިން ތަމްރީނު ކުރުމާއި، ފެމިލިއަރައިޒޭޝަން އަދި އެހެން ގައުމުތަކުގެ ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ފުރުސަތުތައް އިތުރަށް ފަހިކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ." ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ހިތޯބުގައި ފާހަގަކުރެއްވި ގޮތުގައި، މިނިވަން މީޑިއާއަކީ ހައްގެކެވެ. އަދި، ޒިންމާއެކެވެ. ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން، އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށެވެ. ހަމައެހެންމެ، ދިވެހިން ގަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށްވެސް މީޑިއާ ވާންޖެހެއެވެ. ސަރުކާރު ޒިންމާދާރުކުރުވުމާއި، ހާމަކަމާއި، ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ދުނިޔޭގައި ފާހަގަކުރަމުން ގެންދާއިރު، އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، ނޫސްވެރިންނަށް އެކިއެކި އަދަބުތައް ދެމުންދާތަން ފެންނަމުންދާކަމީ ވަަރަށް ހިތާމަހުރި ކަމެކެވެ. މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް މިއަދު ގޮވާލަމެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.
ބަވަނަވަމުން އަންނަ ދުނިޔޭގައި، ދޮގު މައުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާ ދިޔުމާމެދުވެސް ރައްކާތެރިވާން ޖެހެއެވެ. މިކަން މިހެން އޮތުމާއެކުގައި، ރައްޔިތުންނަށް ތެދު މައުލޫމާތާއި ހަބަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާން ޖެހޭކަން ހަނދާންކޮށްދެއްވާ ކަމަށް ރައީސް ޑރ. މުއިއްޒުގެ ހިތޯބުގައި ވިދާޅުވިއެވެ.
ރައީސްގެ ހިތޯބު ނިންމަވައިލައްވާފައިވަނީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވައިލައްވަމުންނެވެ.





