ގައުމުގެ ކުރިއެރުމުގެ އަސްލު ކަމުގައިވާ މަސައްކަތްތެރިންގެ ހާލަތަށް މިހާރުގެ ސަރުކާރުން ދޭންޖެހޭ ސަމާލުކަން ނުދީ، އެ ފަރާތްތަކަށް އިހުމާލުވަމުންދާކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް މިއަދު ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ތަކެތީގެ އަގު އުފުލުމާއި، ކުރިމަގާމެދު އޮތް ނުތަނަވަސްކަމާއި، އުޖޫރަ ލިބުން ލަސްވުމުގެ އިތުރުން، ވަޒީފާގެ ފުރުޞަތުތައް ހަނިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިންނަކީ ޤައުމުގެ މައިބަދަ ކަމަށް ސިފަކުރައްވަމުން، ޝާހިދު ވަނީ ރާއްޖޭގެ ތަރައްޤީގައި ހިއްސާވާ އެންމެހައި ފަރާތްތަކުގެ އަގުވަޒަންކުރައްވާފައެވެ. އޭގެ ތެރޭގައި މުދައްރިސުން، ނަރުހުން، ސިވިލް ސާވަންޓުން، މަސްވެރިން، ދަނޑުވެރިން، އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތެރިން، ރިސޯޓު މުވައްޒަފުން އަދި ބިދޭސީ މަސައްކަތްތެރިން ހިމެނޭހެން ހުރިހާ ދާއިރާއެއްގެ ބައިވެރިވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖެ ބިނާވެފައިވަނީ ރައްޔިތުންގެ ބުރަ މަސައްކަތުގެ މައްޗަށެވެ. އަދި ޤައުމުގެ މުސްތަޤްބަލު ބިނާވެފައިވަނީވެސް ހަމަ މި މަސައްކަތްތެރިންގެ މައްޗަށެވެ،" ޝާހިދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެންމެހައި ރައްޔިތުންނަށް ފާގަތި އަދި އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި، މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށް އާ ހިތްވަރަކާއެކު އަޒުމް އާކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.





