ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން އިސްރާއީލަށް 6،500 ޓަނުގެ ހަތިޔާރާއި އަސްކަރީ ސާމާނު ހިމެނޭ އާ ޝިޕްމަންޓެއް ފޮނުވާފައިވާ ކަމަށް އިސްރާއީލުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެތައް ހާސް ވައިގެ އަދި އެއްގަމު ހަތިޔާރާއި، އަސްކަރީ ޓްރަކްތަކާއި، ޖޮއިންޓް ލައިޓް ޓެކްޓިކަލް ވެހިކަލްތައް އަދި އިތުރު އަސްކަރީ ސާމާނު ހިފައިގެން އައި ދެ އާގުބޯޓެއް އަޝްދޫދު އަދި ހައިފާގެ ބަނދަރުތަކަށް ބާލާފައިވާ ކަމަށެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ "މައާރިވް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޝިޕްމަންޓްތަކަކީ ހަނގުރާމައިގެ ތެރޭގައި ކުރިމަތިވެދާނެ ކަންކަމަށް އިސްރާއީލުގެ ތައްޔާރީތައް ވަރުގަދަކުރުމަށް ކުރިއަށްގެންދާ މައިގަނޑު މަސައްކަތުގެ ބައެކެވެ.
އެ ނޫހުން ބުނި ގޮތުގައި، މިއަހަރުގެ ފެބްރުއަރީ މަހު އީރާނާއެކު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 115,600 އަށްވުރެ ގިނަ އަސްކަރީ ސާމާނު އިސްރާއީލަށް ވަނީ އެތެރެކޮށްފައެވެ. މީގެ ތެރޭގައި ވައިގެ މަގުން ކުރި 403 ދަތުރާއި ކަނޑުމަގުން ކުރި 10 ދަތުރު ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ދަނީ ގާޒާގައި އަސްކަރީ ހަމަލާތައް ދެމުންނެވެ. މީގެ އިތުރުން ލުބުނާނުގެ ބޯޑަރުގައި ކުރިމަތިލުންތައް އިތުރުވެ، އީރާނާއެކު އޮތް ނުތަނަވަސްކަން ވެސް ވަނީ ބޮޑުވެފައެވެ.





