ސިޓީތަކުން ބަލިވީ ކުރިއަށް ރަނގަޅު ކަމެއް ވާން އޮތީމަ: ސަލީމް

ސިޓީތަކުން ބަލިވީ ކުރިއަށް ރަނގަޅު ކަމެއް ވާން އޮތީމަ: ސަލީމް

ލޯކަލް ކައުންސިލް އިންތިޚާބުގައި ފަސް ސިޓީ ކާމިޔާބު ނުވީ، ކުރިއަށް އޮތް ތަނުގައި އެއަށްވުރެ ރަނގަޅު ކަމެއް ވާން އޮތީމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމް މި ވާހަކަ ދެއްކެވީ، ބ. ކެންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއަކާއި، އަންހެނުންގެ ތަރައްގީ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބު ކުރުން ފާހަގަ ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.

ސިޓީތަކުން ބަލިވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ސަލީމް ގަބޫލުކުރައްވަ އެވެ. ނަމަވެސް، ހިތްވަރު ދޫ ނުކުރައްވައި ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ރަނގަޅު ކޮޅެއް ހުންނާނެ ކަމަށެވެ.

"ސިޓީތަކުން ކާމިޔާބު ނުވުމަކީ އަޅުގަނޑުމެން ވެސް ހިތާމަކުރާ ކަމެއް. ނަމަވެސް މިއިން ކޮންމެ ކަމެއްގައި ވެސް ވިސްނަންވާނެ، އޭގައި ކޮންމެވެސް ކަހަލަ ރަނގަޅު ކަމެއް އޮންނާނެ ކަމަށް. އެހެންވީމަ، އަޅުގަނޑުމެން އެއްގޮތަކަށް ވެސް މިކަމާ ކަންބޮޑުވެގެން ނުވާނެ." އަހުމަދު ސަލީމް

ކެންދޫ ވާހަކައިގައި، ސަލީމް ވިދާޅުވީ ވޭތުވެ ދިޔަ ވިއްސަކަށް އަހަރު ތެރޭ ހޯދި ނަތީޖާތަކާ ބަލާފައި، މިފަހަރު ހޯދި ކާމިޔާބީ ތަފާތުކޮށް ބޮޑު ކަމަށެވެ. ކުރިއަށް ހުރި ވޯޓުތަކުގައި ކެންދޫން އެމްޑީޕީ އާއި އެހެނިހެން ޕާޓީތައް "ފުހެލާނެ" ކަމަށްވެސް ވިދާޅުވި އެވެ.

ބ. އަތޮޅަށް ބަލާއިރު، ކުރިން ހަމައެކަނި އޭދަފުށިން ލިބިފައިވާ ތާއީދު، މިފަހަރު 11 ރަށަކަށް ފެތުރި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ސަލީމް ފާހަގަ ކުރެއްވި އެވެ.

ކާމިޔާބު ނުވި ދެ ރަށް، ކަމަދޫ އާއި ފެހެންދޫ ފާހަގަ ކުރައްވަމުން، ސަލީމް ވިދާޅުވީ ކަމަދޫ ގެއްލުނީ "ޓެކްނިކަލް މައްސަލައެއް" ދިމާވެގެން ކަމަށާއި، ކުރިއަށް ހުރި އިންތިޚާބުތަކުގައި ކަމަދޫގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *