ހއ.އަތޮޅުން ފެށިގެން ތ އަތޮޅާ ހިސާބަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން އެންމެފަހުން ނެރެފައިވާ ހުދު ސަމާލްގައި ބުނެފައިވަނީ، މިއަދުގެ 16:00 އިން ފެށިގެން މިރޭ 21:00 އާ ހަމަޔަށް ހއ އިން ފެށިގެން ތ އަތޮޅާ ހިސާބަށް ބޯކޮށް ވާރޭވެހި ގުގުރާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ މޫސުން ގޯސްކޮށްލާފައިވާއިރު، ރެއާ މިއަދުވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ރޭ މާލެ ސަރަހައްދަށް ވަރަށް ގަދައަށް ވިދައި ގުގުރައި ބައެއް ހިސާބުތަކަށް ވަނީ ހޮނުވެސް އަޅާފައެވެ.
މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވާއިރު، މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ބުރުނު ނަކަތެވެ. މި ނަކަތް ފެށިފައިވަނީ އޭޕްރިލްމަހުގެ 22 ވަނަ ދުވަހުއެވެ. ނަކަތް ނިމޭނީ މެއިމަހުގެ ފަސްވަނަ ދުވަހުއެވެ. އިހުގެ ނަކަތް ދަންނަ މީހުން ބުނެއުޅޭ ގޮތުގައި މި ނަކަތް ފެށޭނީ ގަދަވަޔާއި ވިއްސާރައިންނެވެ.
މި ނަކަތުގައި ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ގަދަވި ނަމަވެސް ފަހަށް ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެއެވެ. މި ނަކަތަކީ ވައި އެނބުރޭ ނަކަތަކަށްވާތީ ވައިޖެހޭނީ އެކިފަހަރު އެކި ދިމާއިންނެވެ. ނަމަވެސް ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ.





