ރާއްޖޭގެ ތެލުގެ ރިޒާވް އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން މާލެ ތެލުގެ ސްޓޯރޭޖް ގާއިމްކުރުމަށް މާލެ ސަރަހައްދުން ދެ ތަނެއް ފާހަގަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ތެލުގެ ރިޒާވް އިތުރުކުރުމަށް ފަށާފައިވާ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ނެޝަނަލް ފިއުލް ސްޓޯރޭޖް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެސްޓީއޯ ގުޅިގެން ކުރިއަށްދާކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތެއޮ ރައްކާކުރެވޭތަންތަން ބެލުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ވަރަށް ގިނަ ކަންކަމަށް ބަލަންޖޭކަމަށެވެ. އެގޮތުން އެތަނުގެ ވެއްޓަށް މޫސުމީ ގޮތުން އަންނަ ބަދަލުތަކާއި އެތަނަކީ ބޯޓުފަހަރުތަކަށް ބަނދަރުކުރަން ފަސޭހަތަނަކަށް ވާންޖެހޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާރު ރާވާފައި އޮތީ ތިން ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދަންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ ސްޓޯރޭޖް ހެދުމަށް މިހާރު މާލެ ސަރަހައްދުން ދެ ފަޅެއް ބަލަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ރޭވިފަ މިއޮތީ ތިން ފޭސްއަކަށް ބަހާލައިގެން ގެންދަން. ފުރަތަމަ ފޭސްއަކީ އަދި މާލެ ކައިރި ސަރަހައްދުން. މިވަގުތު އެސްޓީއޯއިން ދެ ފަޅެއް ދަނީ ބަލަމުން" މިނިސްޓަރު ވިދާޅުވި އެވެ.
ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރުމިނިސްޓަރު ވިދާޅުވީ އަމާޒަކީ ދެ ފަޅު ބެލުމަށްފަހު ދެން ކުރިއަށްދާނީ ސާވޭ ކުރުމުގެ މަސައްކަތް ކަމަށާއި، ފެށޭ ހަފްތާގައި ސާވޭ ކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށެވެ. އަދި އެތަނުގެ ޑިޒައިނާއި ފައިނޭންސް ހޯދާނެ ގޮތްތަކާއި އެނޫންވެސް ކަންކަން އެކުލަވާލައި ކުރިއަށްއޮތް ދެ ހަފްތާ ނިމެންވާއިރަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުންތައް ގެންދަވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިއަދުވެސް ވިދާޅުވީ ރާއްޖޭގެ ތެލުގެ ރިޒާވް އިތުރުކުރުމަކީ ކުރިމަގަށް ބަލައި ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.





