ބޯހިޔާވަހި ކަމަށް އެހެން ގޮތެއް ހޯދަން ރަސްމާލެ މަޝްރޫއު މަޖުބޫރު: މިނިސްޓަރު

ބޯހިޔާވަހި ކަމަށް އެހެން ގޮތެއް ހޯދަން ރަސްމާލެ މަޝްރޫއު މަޖުބޫރު: މިނިސްޓަރު

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދޭނެ އެހެން ގޮތެއް ހޯދައިދޭންޖެހޭ ކަމަށާއި އެކަމަށްޓަކައި ރަސްމާލެ މަޝްރޫއަކީ ކުރިއަށްގެންދަން މަޖުބޫރު މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް، ގުޅީފަޅާއި ގިރާވަރުފަޅާއި އަދި ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެތަންތަނުގައި އާބާދުވެވޭނެ ކަމަށް ދެކެނީ ކިހާތާކުތޯ އާއި އެކަންތައްތަކަށް ހުރަސްތަކެއް އޮތް އިރު، ހާއްސަ އިސްކަމެއްދީގެން ރަސްމާލެ ޕްރޮޖެކް ކުރިއަށްގެންދަނީ ކީއްވެގެންތޯ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ

މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ހުރި ހުރިހާ ބިންތަކާއި ފޭސް ތިނަކުން ހިއްކައިފައި އެތަނުގެ ހުރިހާ ބިންތަކާއި ގުޅީފަޅުގެ ޕޯޓް އަޅަން އޮތް ބިން ނޫން އެތަނުގައި ބާކީ އޮތް ހުރިހާ ތަނަކާއި ގިރާވަރުގެ ހުރިހާ ތަނަކުން ކުރީ ސަރުކާރުން އޮތީ ގޯތި ދީފައި ކަމަށެވެ.

އެހެންކަމުން ގްރޭޓާ މާލެ ސަރަހައްދުގައި ހުރި ހުރިހާ ބިންތަކެއް އެއްކޮށްލައިގެން ވެސް އެންމެ ގިނަ އަދަދަަކަށް ފްލެޓް އެޅޭނެ ކަމަށް ބައްލަވަނީ 12،000 އެއްހާ ފްލެޓް ކަމަށްވެސް ވިދާޅުވިއެވެ.

އެކަންތައްތަކާ ގުޅިގެން، ރައްޔިތުންގެ ބޭނުން ތަކަށް ފަލެޓް އަޅާނެ ބިމެއް މިހާރު މާލެ ސަރަހައްދުގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ އެހެން ގޮތެއް ހޯދަންޖެހޭ ކަމަށާއި ރަސްމާލެ މަޝްރޫއުއަކީ އެގޮތަށް ކުރިއަށްގެންދަން މަޖުބޫރު މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ނުލައި މާލެ ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *