މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. އީރީ، އަބްދުﷲ މުއާޒް (35އ) އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ބަންދުގެ މަޖިލީހުގައި މުއާޒް ބުނެފައިވަނީ، އޭނާ މޭޔަރުގެ ކައިރިއަށް ދިޔައީ ހަމަލާދޭން ނޫން ކަމަށާއި، އެއީ ހަމައެކަނި ވާހަކައެއް ދައްކާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭނާއަށް ހަމަލާދީ މާރާމާރީ ހިންގާފައިވަނީ މުޒާހަރާގެ ބައިވެރިން ކަމަށް ވެސް އޭނާ ކޯޓުގައި ބުންޏެވެ.
ނަމަވެސް، ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުގައިވާ ގޮތުން، މުއާޒް ވަނީ މުޒާހަރާގެ ތެރެއިން އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައެވެ. މި ހާދިސާގެ ވީޑިއޯ ފްޓޭޖްތަކުން ފެންނަ ގޮތުގައި، ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، މުއާޒް ވަނީ ކުއްލި ގޮތަކަށް އާޒިމްގެ ކުރިމައްޗަށް އަރައި، އޭނާގެ މޭގައި ޖަހައި ކޮއްޕާލާފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، މުއާޒަކީ މީގެ ކުރިން ވެސް މާރާމާރީގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އެގޮތުން 2012 ވަނަ އަހަރު ފްލެޓެއްގެ ތެރޭގައި މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ، ކޯޓުން ނިންމީ 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
މި ހާދިސާއާ ގުޅިގެން މޭޔަރު އާދަމް އާޒިމް ތުހުމަތު ކުރައްވާފައިވާ ގޮތުގައި، މިއީ ސަރުކާރުން ރާވައިގެން ބަޔަކު ލައްވައި ދީފައިވާ ހަމަލާއެކެވެ. އޭނާ ވަނީ މި އަމަލު ކުށްވެރިކުރައްވައި، ސިޔާސީ ހަރަކާތްތަކަށް ހުރަސްނޭޅުމަށް ގޮވާލައްވާފައެވެ.





