އިބުރޭ ނަޝީދުގެ ކެމްޕެއިންގައި އުޅުއްވާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި: "މަގާމުން ދުރުވާންޖެހޭ"

އިބުރޭ ނަޝީދުގެ ކެމްޕެއިންގައި އުޅުއްވާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި: "މަގާމުން ދުރުވާންޖެހޭ"

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަވައި، ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) އަށް ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފިއެވެ.

މީކާއިލް މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައެވެ. މި ސިޓީގައި މީކާއިލް ވަނީ، ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި އިބުރޭ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

މީކާއިލް ވިދާޅުވި ގޮތުގައި، ޕާޓީގެ އިދާރީ ހިންގުމާއި، މެންބަރުން އިތުރުކުރުމާއި، އަދި އިންތިޚާބުތަކުގެ ކަންކަން ބެލެހެއްޓުމުގެ މައިގަނޑު މަސްއޫލިއްޔަތު އޮންނަނީ ޗެއާޕާސަންގެ ނައިބުގެ އަތްޕުޅުގައެވެ. އެހެންކަމުން، އެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އުޅުއްވުމަކީ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލި، އެހެން ކެންޑިޑޭޓުންނަށް ލިބޭ ބޮޑު ބޭއިންސާފެކެވެ.

"އޭނާ މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކޮށް، އެ ކެންޑިޑޭޓްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭޓަށް ފޯރުކޮށްދީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެކެވެ،" މީކާއިލްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، އިބުރޭ ކެމްޕެއިންގައި އުޅުއްވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެމްޑީޕީގެ ގިނަ އާންމު މެންބަރުންވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންކަމުން، އިންތިޚާބުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި، ކެމްޕެއިންގެ މުއްދަތަށް އިބުރޭ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމަށް މީކާއިލް ވަނީ ގޮވާލައްވާފައެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، އޭނާ މި އިންތިޚާބުގައި ވާދަކުރައްވަނީވެސް ޕާޓީގެ ތެރޭގައި ހުރި މިފަދަ ނުރަނގަޅު އުސޫލުތައް އިސްލާހުކުރުމަށް ކަމަށެވެ.

އިބުރޭއަކީ ޗެއާޕާސަން ގަޕޯއަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރި ބޭފުޅެކެވެ. ނަމަވެސް، ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވުމާ ގުޅިގެން ފަހުން ވަނީ އޭނާގެ މަގާމު އިޔާދަކޮށްދީފައެވެ. މީކާއިލް މިހާރު އެދިވަޑައިގަންނަވަނީ މި މައްސަލަ ބަލައި، ޕާޓީގެ އުސޫލުތަކާ އެއްގޮތަށް އަވަސް ފިޔަވަޅެއް އަޅައިދިނުމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *