ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝަންހައި އެވްރޮން އިންޓަނޭޝަނަލް ޓްރޭޑް ކޯ ލިމިޓެޑް (ޝަންހައި) އަށް ދެލައްކައަށްވުރެ ގިނަ ޑޮލަރުދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް، ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީޕީއެސްއެމްއަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ލިބެންޖެހި ނުލިބި ވާ ހަތްލައްކަ 18 ހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަންހައިގެ ފަރާރުން ސިވިލް ކޯޓުގައި ކުރި ދައުވާގެ މައްސަލައެކެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަމަކީ އިހްތިފާލް ނެތް ކަންކަން ކަމުފައި ޕީއެސްއެކަށް ބެލެވޭތީ އެކަންކަން އިތުރަށް ބަލައި ޗެކް ކުރުމަށްފަހު އެކަންކަން ލިއުމުން ހުށަހެޅުގެ ފުރުސަތަކަށް ޕީއެސްއެމް އިން ކޯޓުގައި އެދުނެވެ.
އެ ފުރުސަތު ދިނުމުން އެ ދައުވާގައި ޝަންހައި އިން ހޯދުމަށް އެދިފައިވާ ޖުމްލަ 718،900 އެމެރިކާ ޑޮލަރަކީ ދައްކަންޖެހޭ ފައިސާއެއްނޫން ކަމަށާއި، އެހެންކަމުން އެ އަދަދަށް އިންކާރުކުރާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ނަމަވެސް މި މައްސަލައިގައި ހަވާލާދީފައިވާ ހަ ލެޑް ސްކްރީންގެ ތެރެއިން ޕީއެސްއެމް އަށް ލިބިފައި ވަނީ ދެ ލެޑް ސްކްރީމް ކަމަށްވާތީ އޭގެ އަގަށްވާ 285،150 ޑޮލަރުއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް އެއްބަސްވާ ކަމަށާއި، މި އަދަދުގެ ތެރެއިން ޕީއެސްއެމްއިން އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވާ 71،250 ޑޮލަރު އުނިކުރަންޖެހޭ ކަމަށްވެސް ބުންޏެވެ. އަދި އެފައިސާ ފިޔަވައި ޝަންހައި އިން ހޯދަން އެދިފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި، އެ އަދަދުތަކަށް އިންކާރުކުރާ ސަބަބުތައް ޝަރީއަތުގެ މަރުހަލާގައި ބަޔާން ކޮށްދޭނެ ކަމަށްވެސް ޕީއެސްއެމް އިން ބުންޏެވެ.
ޕީއެސްއެމްގެ މި ހުށަހެޅުމާ ގުޅިގެން ޝަންހައި އިން ކޯޓުގައި އެދުނީ، ޕީއެސްއެމް އިން ބުނެފައިވާގޮތަށް 285،150 ޑޮލަރަކީ އެފަރާތުން ދައްކަންޖެހޭ އަދަދު ކަމަށް ކަނޑައަޅައިދީ ހުކުމްކޮށްދިނުމަށެވެ. އަދި ޝަންހައި އިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ޕީއެސްއެމް އިން އިންކާރު ކުރާ ފައިސާގެ އަދަދުގެ ބާކީ ބަޔާމެދު ޝަރީއަތުން ގޮތެއް ކަނޑައަޅައި ދިނުމަށްވެސް އެދުނެވެ.
މި މައްސަލައިގައި މިދިޔަ ބުުރާސްފަތި ދުވަހު ސިވިލްކޯޓުން ހުކުމްކުރީ، މި ދައުވާގައި ޝަންހައި އިން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން ޕީއެސްއެމް އިން އެއްބަސްވާ 285،150 ޑޮލަރުގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 71،250 ޑޮލަރު އުނި ކުރުމުން ބާކީގެ ގޮތުގައި ހިމެނޭ 213،900 ޑޮލަރަކީ ޕީއެސްއެމްގެ ފަރާތުން ޝަންހައި އަށް ދައްކަންޖެހޭ އެއްޗެއް ކަމަށް ޕީއެސްއެމްއިން އެއްބަސްވެފައިވާތީ، އެ އަދަދު ޝަންހައިއަށް ލިބި ދިނުމުގެ ގޮތުން 30 ދުވަހުގެ ތެރޭގައި 213،900 ޑޮލަރު ސިވިލް ކޯޓަށް ދައްކައި ދަރަނި ހަލާސްކުރުމަށް ޕީއެސްއެމްއަށް އަންގައި އަމުރުކުރާ ކަމަށެވެ.





