ބ. އަތޮޅުރަށާ ގުޅިގެން ޓޫރިޒަމްގެ މައްޗަށް ނެރުނު ކޯޓު އަމުރު ބާތިލެއްނުކުރި

ބ. އަތޮޅުރަށާ ގުޅިގެން ޓޫރިޒަމްގެ މައްޗަށް ނެރުނު ކޯޓު އަމުރު ބާތިލެއްނުކުރި

ބ. އަތޮޅުރަށާ ގުޅިގެން ތިންވަނަ ފަރާތެއްގެ މަސްލަހަތެއް ނުވަތަ ހައްގެއް އުފަންވެދާނެ އެއްވެސްކަމެއް ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް 2025 ވަނަ އަހަރުގެ 19 އޮކްޓޫބަރުގައި ސިވިލްކޯޓުން ކުރި އަމުރު އެ ކޯޓުން ބާތިލެއް ނުކޮށްދިނެވެ.

މި މައްސަލައަކީ، ބ. އަތޮޅުރަށާ ގުޅިގެން އެޓޮލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރުމަށް މައުލޫއީ މައްސަލައެއް ހުށަހަޅަން ނިންމައި، އެ މައްސަލަ ހުށަހެޅުމުގެ ކުރިން ނެރެދިނުމަށް އެދުނު ވެގުތީ އަމުރެކެވެ.

އެޓޮލްސް މޯލްޑިވްސްއިން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް ބ. އަތޮޅުރަށާ ގުޅިގެން އިތުރު އެހެން ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފެދިދާނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ ކަމަކަށް މަގުފަހިވެދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް) ގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މި ކޯޓު އަމުރު ނެރެދިނުމަށް އެފަރާތުން ހުށަހެޅީ، ބ. އަތޮޅުރަށާ، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ބިޑަށް ހުޅުވާލުމުން، އެޓޮލްސް މޯލްޑިވްސް އިން ބިޑް ކާމިޔާބުކުރުމުން އެވޯޑްލެޓާ ދިނުމަށްފަހު، އެފަރާތާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ބޭއްވި ބައްދަލުވުމުގައި، މިނިސްޓްރީގެ ފަރާތުން ބައިވެރިވި އިސް ފަރާތުން އެ ރަށަކީ އެޓޮލްސް މޯލްޑިވްސްއަށް ދީފައިވާ ރަށެއް ނޫން ކަމަށާއި، އެރަށުގެ މައްޗަށް އެހެން ފަރާތެއްގެ ހައްގެއް އުފަންވެދާނެ ފަދައަކުން ވާހަކަ ދައްކާފައިވާ މައްސަލައިގައެވެ.

މި އަމުރު ނެރެނުދީފިނަމަ، އެ ފަރާތައް ލިބިދާނެ ގެއްލުންތަކެއްވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ ރަށަކީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކާމިޔާބުކޮށްފައިވާ ރަށަކަށްވާއިރު، އެރަށް އެފަރާތުގެ ކިބައިން ވަކިކުރުމަކީ އެފަރާތުގެ ވިޔަފާރިއަށް ލިބޭނެ ގެއްލުމެއް ކަމަށާއި، މި މައްސަލައަކީ ވަކި ރަށަކާ ގުޅޭ މައްސަލައަކަށްވާ އިރު، ސީދާ އެ ރަށެއް އަލުން ހޯދުމަކީ، ނުވަތަ ދިނުމަކީ އުނދަގޫ ކަމެއް ކަމަށްވުން، އެއީވެސް އެފަރާތުގެ ވިޔަފާރިއަށް ކިބޭ ބޮޑު ގެއްލުމެއް ކަަމަށާއި، އަދި ރަށް ތަރައްގީ ކުރުމަށް މާލީގޮތުން ވެފައިވާ ތައްޔާރީތަކަކީވެސް ގެއްލުމެއްކަން ވަނީ ފާހަގަ ކޮށްފައެވެ.

މިއީ އަދި ހުށަހަޅާފައިނުވާ މައްސަލައަކަށް ވާތީ، މިއަދުގެ ކޯޓު އަމުރުގައި، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި މައުލީގޮތުން ދައުވާ ހުށަހެޅުމަށްވެސް އެޓޮލްސް މޯލްޑިވްސްގެ މައްޗަށް ވަނީ ޝަތުރުކޮށްފައެވެ. އަދި އެ މުއްދަތު ފާއިތުވެއްޖެނަމަ މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށްވެސް ސިވިލް ކޯޓުގެ އެމުރުގައި ބުނެފައިވެއެވެ.

މި އަމުރާމެދު ހިތްހަމަ ނުޖެހިގެން، އެ ވަގުތީ އަމުރު މުރާޖައާކޮށް ބާތިލް ކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

މައްސަލައަށް ބެލުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ސިވިލްކޯޓުން ނިންމާފައި ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ގައިރުހާޒިރުގައި އެ މިނިސްޓްރީގެ މައްޗަށް ކޮށްފައިވާ ވަގުތީ އަމުރު މުރާޖައާކޮށް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *