މޭޔަރު އާޒިމަށް ދިން ހަމަލާ ޝާހިދު ކުށްވެރިކުރައްވައިފި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވައިފި

މޭޔަރު އާޒިމަށް ދިން ހަމަލާ ޝާހިދު ކުށްވެރިކުރައްވައިފި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވައިފި

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާ، އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މި ހަމަލާ ދީފައިވަނީ މިރޭ މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ސުލްޙަވެރި ހިނގާލުމުގެ ތެރެއިންނެވެ.

މިކަމާ ގުޅިގެން ޢަބްދުﷲ ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަށް އަމާޒުކޮށް ދިން މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޝާހިދު ވަނީ މި ހަމަލާގެ މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށާއި، ވެރިރަށް މާލޭގެ މޭޔަރަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އަދި ރާއްޖޭގައި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގޭނެ އަމާން މާޙައުލެއް ޤާއިމްކޮށްދިނުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިރޭ މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މި ހިނގާލުމަކީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދިން ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
ސިޔާސީ ލީޑަރުންނާއި އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއްކަން ފާހަގަކުރައްވައި، ޝާހިދު ވަނީ މިފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ ހަރަކާތް ކުރިއަށް ދިޔައީ މޭޔަރު އާޒިމް އިސްވެ ހުންނަވައިގެންނެވެ. ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުއްލި ގޮތަކަށް އާޒިމްގެ ކުރިމައްޗަށް އެރި ޒުވާނަކު ވަނީ އޭނާގެ މޭގައި ޖަހައި ކޮއްޕާލާފައެވެ.

ޓީވީތަކުން ލައިވް ކުރަމުން ދަނިކޮށް ހިނގި މި ހާދިސާއާ އެކު، އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ވަނީ ވަގުތުން އާޒިމްގެ ދިފާއުގައި ނުކުމެފައެވެ. އަދި ހަމަލާދިން ޒުވާނާއާ ދެކޮޅަށް ބަޔަކު ނުކުމެ އޭނާ ދުރަށް ޖެއްސި އިރު، އެތަނުގައި ތިބި އެމްޑީޕީގެ އިސްވެރިން ވަނީ އެކްޓިވިސްޓުންގެ ރުޅިގަނޑު ކޮންޓްރޯލްކޮށް، މަސްލަހަތު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ހަމަލާއާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭޔަރު އާޒިމަށް ދިން މި ހަމަލާ މިހާރުން މިހާރަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި މޭޔަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި ހާދިސާ ހިނގި ވަގުތު މުޒާހަރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *