ނޭޝަނަލް ބްލަޑް ސާވިސްގެ މެނޭޖްމަންޓް ބަދަލުކުރަން ފިރާގު ގޮވާލައްވައިފި

ނޭޝަނަލް ބްލަޑް ސާވިސްގެ މެނޭޖްމަންޓް ބަދަލުކުރަން ފިރާގު ގޮވާލައްވައިފި

ނޭޝަނަލް ބްލަޑް ސަރވިސް (އެން.ބީ.އެސް) އިސްލާހުކޮށް، އެ ތަނުގެ މުޅި ޓޮޕް މެނޭޖްމަންޓް މަގާމުން ވަކިވާންޖެހޭ ކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާގު މިހެން ވިދާޅުވީ، ލޭ އެޅުމުގެ ހިދުމަތާ ގުޅޭގޮތުން ފަހަކަށް އައިސް ފެންމަތިވަމުންދާ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ޒާތީ ކަމެއް ނޫން ކަމަށާއި، މިއީ ސީދާ ޖަވާބުދާރީވުމާ ގުޅުންހުރި ކަމެކެވެ. ބަލިމީހުންގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި މިފަދަ މައްސަލަތައް ތަކުރާރުކޮށް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ، މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ މަސައްކަތުގެ ގާބިލުކަމާއި ޒިންމާދާރުކަމާ ގުޅޭ ކަމެއް ކަމަށެވެ. ޚާއްޞަކޮށް، ލޭ އެޅުމަށް ބޭނުންކުރާ އިކުއިޕްމަންޓް ނުވަތަ މެޝިނަރީޒް ފުރިހަމައަށް މަސައްކަތް ނުކުރާ ވަގުތުތަކުގައި، އެ މައްސަލަތައް ފޮރުވުމުގެ ބަދަލުގައި، އަވަސް އަދި ހާމަކަން ބޮޑު ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެއަކީ އާބާދީ މަދު ގައުމެއް. އެންމެން އެކަކު އަނެކަކު ދަންނަ ގައުމެއް ކަމުން އިތުބާރާއި ހާމަކަން ބޮޑުކަމާއި ޒިންމާދާރުކަން މިފަދަ ކަންކަމުގައި އިތުރަށް މުހިންމުވެގެންދޭ. މިފަދަ ހާދިސާތަކަކީ ހަމައެކަނި ވަކި ބަޔަކަށް ކުރިމަތިވާ ކަންކަމެއް ނޫން، މިއީ މުޅި ގައުމުގައި އާންމުންގެ އިތުބާރަށް އަސަރުކުރާ ކަންކަން،" ފިރާގު ވިދާޅުވިއެވެ.

އޭނާގެ ވާހަކައިގައި، މީހުން އެންމެ މުހިންމު ވަގުތުތަކުގައި ބަރޯސާވާ މިފަދަ ހިދުމަތްތަކުގެ ސަލާމަތާއި މިންގަނޑުތަކަށް އެއްވެސް މިންވަރަކަށް ދޫދެވިގެން ނުވާނެ ކަމަށް ބާރުއެޅުއްވިއެވެ. މިހާރުން މިހާރަށް ބޭނުންވަނީ ސާފު ޖަވާބުދާރީވުމާއި، ހަރުދަނާ ނިޒާމުތަކެއް ގާއިމުކޮށް، އާންމުންގެ އިތުބާރު އަލުން ހޯދައިދެވޭނެ ފަދަ ލީޑަރޝިޕެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގު ގޮވާލެއްވީ، މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ކަންކަން ތަކުރާރު ނުވާނެ ކަމުގެ ކަށަވަރުކަން ދިނުމަށާއި، ކޮންމެ ބަލިމީހަކަށްމެ އެންމެ މަތީ ފެންވަރުގެ ފަރުވާއާއި އިތުބާރު ދެމެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

މީގެ ކުރިންވެސް ނޭޝަނަލް ބްލަޑް ސަރވިސްގެ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *