އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ކުރި އިއުލާނަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކުރިއަށްގެންދާ ކަމެއް ކަމަށް ކަނޑައަޅައި، އެ އިންތިހާބުގެ ހުރިހާ އިޢުލާންތަކާއި ޓައިމްލައިން ބާޠިލުކުރުމަށް އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު އަންގައިފިއެވެ.
މި އެންގުން އަންގާފައިވަނީ އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރާވައި ހިންގުމުގެ ބާރު ހަވާލުކޮށްފައިވަނީ އިސްތިއުނާފު މަޖިލީހުގެ ރައީސަށެވެ. އެހެންކަމުން، އޭނާއަށް އެނގުމެއް ނެތި ޕާޓީގެ އެހެން ގުނަވަނަކުން މި އިންތިހާބާ މެދު ގޮތް ނިންމުމަކީ ގަވާއިދާ ހިލާފު، ބާޠިލު ކަމެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކުރިން އިއުލާން ކުރައްވައިފައެވެ. ނަމަވެސް، އިސްތިއުނާފު މަޖިލީހުން ބުނާ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުން ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ލިބެއެވެ. ވަކިން ހާއްސަކޮށް، އޮޅުވާލައިގެން އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މެމްބަރުންނަށް އަލުން ޕާޓީއާ ގުޅުމަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭ ގޮތަށް އިންތިހާބު ބޭއްވުމަކީ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ރައީސް ނަޝީދުގެ ވަކީލު އަބްދުﷲ ޝާއިރުވެސް ވަނީ މިއަދު އިސްތިއުނާފު މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެމްޑީޕީން ކުރިން ބުނެފައިވާ ގޮތުގައި، އަންނަ ޖޫން މަހު ބާއްވާ އިންތިހާބަށް މެމްބަރުން އިތުރުކުރުމަށް ދިން ފުރުސަތުގައި 4,868 މީހަކު ވަނީ އަލަށް ގުޅިފައެވެ. މިއާއެކު ޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދު 50,594 އަށް އަރާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. ނަމަވެސް، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، މެމްބަޝިޕް އިތުރުކުރުމުގެ ކަންކަން މިއަށްވުރެ ރަނގަޅަށް ރޭވުނުނަމަ، ޕާޓީގެ މެމްބަރުންގެ އަދަދު 60,000 އަށް ވުރެ މައްޗަށް ޖެއްސުނީސް ކަމަށެވެ.





