ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ރޯވެ، އެ މިނިސްޓްރީ ހިމެނޭ ގޮތަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މުހިންމު ލިޔުންތަކެއް އަނދައި އަޅިއަށްވި މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި ރޯވި މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށާއި އެ ކޭސްގެ މައުލޫމާތު ވަރަށް އަވަހަށް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ރޯވެ އެތަން އަނދައި އަޅިއަށްވީ، 12 ޑިސެމްބަރު 2024 ގައެވެ. އެ ހާދިސާގައި ދައުލަތުގެ މުހިންމު ލިޔެކިޔުން ތަކެއް އަނދާފައި ވާތީ، އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަން އިންޑިއާގެ ޓީމެއްވެސް ރާއްޖެ ގެނައެވެ.
ތިން މިނިސްޓްރީ ހުރި އިމާރާތުގައި ރޯވުމުން، އެ މިނިސްޓްރީގެ ހިދުމަތްތައް ފަހުން ދެމުން އައިސްފައި ވަނީ ދަރުބާރުގޭގައެވެ.





