ދަނާލުގައި މަރުވި މީހާ ފުލުހުންނަށް ގުޅިކަމަށް ފަތުރަނީ ދޮގު: އިހްސާން

ދަނާލުގައި މަރުވި މީހާ ފުލުހުންނަށް ގުޅިކަމަށް ފަތުރަނީ ދޮގު: އިހްސާން

ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅި ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދަނާލުގައި ނިޔާވި މީހާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ގައި އެ އަންހެން މީހާގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49 އާއި ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށާއި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށެވެ.

އޭނާ އެރޭ 8:53 ގައި ދެ މެސެޖު ކުރި ކަމަށާއި އޭނާ ރަނގަޅު ކަމަށާއި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެރޭ ދަންވަރު 12:38ގައި ވިކްޓިމް ސަޕޯޓަށް މެސެޖު ކުރި ކަމަށާއި އޭގެ 3 މިނެޓު ތެރޭގައި އޭނާއަށް ޖަވާބުދީފައިވާ ކަަމަށްވެސް ވިދާޅުވިއެވެ. މިއީ އެ އަންހެން މީހާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ކުރެވުނު އެންމެ ފަހުގެ މުއާމަލާތް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ އަންހެން މީހާ ފުލުހުންނަށް ގުޅަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.

"ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ،" އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޭނާ އޮފްލައިން ވުމުން 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދުނު ކަމަށެވެ. އަދި ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެފައިވާ ކަމަށާއި އެ އަންހެން މީހާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަމަލު ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެތެރޭގެ ރިވިއުއެއް ހިންގާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކުންވެސް އެ މައްސަލަ ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *