ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ހުއްޓުވަން ބިލެއް

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ހުއްޓުވަން ބިލެއް

ވަޒީފާގެ މާހައުލުން ދިމާވާ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ހުއްޓުވުން ހަރުދަނާ ކުރުމަށްޓަކައި، ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ.

މި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.

އެ ގޮތުން ވަޒީފާދޭ ފަރާތްތަކުން އުފައްދަންޖެހޭ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވާ ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ގާނޫނުގައި އިތުރަށް ތަފްސީލުކޮށް، އެ ފަދަ އަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރެވޭގޮތަށް އިޖުރާއަތްތައް ހަރުދަނާ ކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި  ވަޒީފާ ދޭ ފަރާތްތަކުން ގާނޫނު ތަންފީޒު ކުރާ މިންވަރު ބަލައި މޮނިޓާ ކުރުމުގެ ބާރުގެ ދާއިރާ އިތުރަށް ފުޅާކޮށް، ގާނޫނު ތަންފީޒުުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުންވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މި ބިލުގައި ފުރައްސާރަ ނުވަތަ ގޯނާގެ އަމަލު ހިންގީ ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަސައްކަތުގެ ރަސްމީ ވަގުތެއް ނުވަތަ ވަޒީފާގެ މުއާމަލަތަކާ ގުޅިގެން ކަމަށްވާން ނުޖެހޭ ކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމުގައި އެތަނަކަށް ހާއްސަ ސިޔާސަތެއް އެކުލަވާލަންޖެހޭނެ ކަމަށާއި ވަޒީފާގެ މާހައުލަކީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުމުގެ އަމަލުތަކުން ރައްކާތެރިވެފައިވާ މާހައުލަކަށް ހެދުމަށް އެފަދަ އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަންގައި ހޭލުންތެރިކުރުވުމާއި ތަމްރީންތައް ދޭންޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވާ ކޮމިޓީތައް އެކުލަވާލުމަށްފަހު ވަޒީފާއާބެހެ ޓްރައިބިއުނަލަށް އަންގަންޖެހޭގޮތަށް ގާނޫނުގައި އޮތް ބައި ބަދަލުކޮށް އެކަން ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް) އަށް އަންނަނާ ޖެހޭގޮތަށް ބިލުގައި ވަނީ އެކަން ބަދަލުކޮށްފައެވެ.

އެ ކޮމިޓީގައި ތިން މެންބަރުން ތިބެންޖެހޭނެ ކަމަށް މިހާރު ގާނޫނުގައި އޮތްގޮތް ބަދަލުކޮށް، މަދުވެގެން ތިން މެންބަރުން ތިބެން ޖެހޭނެ ކަމަށާއި، ކޮމިޓީ އެކުލަވާލަން ޖެހޭނީ އޮނަހިރި އަދަދަކަށް ދެ ޖިންސުގެ މެންބަރުންގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.

އެ ކޮމިޓީތަކުން ބަލާ މައްސަލަތަކުގައި ގޮތް ނިންމައި ފިޔަވަޅު އަޅާނަމަ އެކަން ފަސް ދުވަހުގެ ތެރޭގައި އަންގަންވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މައްސަލަ ބަލައި ނިންމުމަށް 60 ދުވަހުގެ މުއްދަތެއް ކޮމިޓީއަށް ލިބޭއިރު އިތުރު މުއްދަތެއް ބޭނުންކަމަށް ފެންނަ ނަމަ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.

މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް، މުސާރަ ހިނގާ ގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު މި އިސްލާހުގެ ދަށުން ކޮމިޓީއަށް ލިބޭނެއެވެ.

ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ޝަކުވާ ރައްދުވާ މީހަކީ ޔުނިފޯމް އެޅި ހިދުމަތެއްގެ މީހެއް ނަމަ އެއީ ރައްޔިތުން އިތުބާރުކުރާ ފަދަ ބާރުވެރިމ މަގާމެއްގައި ހުރި މީހަކަށް ވީތީ މައްސަލަ ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލަންވާނެ ކަމަށްވެސް އިސްލާހުގައި ވެއެވެ. އަދި އެފަދަ ފަރާތްތަކާމެދު ކޮމިޓީތަކުގެ ނިންމުންތަކާއި މައްސަލަތައް ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *