ލިޓަންގެ މަރު: ނިޒާމް 25 އަހަރަށް ޖަަލަށްލާން ހުކުމްކޮށްފި

ލިޓަންގެ މަރު: ނިޒާމް 25 އަހަރަށް ޖަަލަށްލާން ހުކުމްކޮށްފި

ސެޕްޓެމްބަރު 28، 2022 ވަނަ ދުވަހުގެ ރޭ ވިލިމާލެ އިން ފުރި ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރުގެ މައްސަލައިގައި ގދ. ތިނަދޫ/ މަނާރު، މުހަައްމަދު ނިޒާމު 25 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ލިޓަންގެ މަރުގެ މައްސަލައިގައި ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުމުގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާއެވެ. މިއީ ހަށިގަނޑު ނުފެންނަނީސް އެ މީހާ މަރާލި ކަމަށް ބުނެ ރާއްޖޭގައި މަރުގެ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ.

މީގެ ތެރެއިން މަސްތުވާތަކެތީގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރު ދުވަހުގެ ޖަލުކުމެއް މީގެ ކުރިން އޭނާގެ މައްޗަަށް ވަނީ ކޮށްފައެވެ.

ނަމަވެސް މަރުގެ މައްސަލައިގައި ނިޒާމުގެ މައްޗަށް ސާބިތު ވެފައިވަނީ އިންސާނެއްގެ ފުރާނައިގެ މައްޗަށް ފަރުވާލެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށެވެ. އެހެންކަމުން އޭނާގެ މައްޗަށް 25 އަހަރު، އަދި ވައްކަމުގެ މައްސަލައިގައި އެއް އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވައިފައެވެ.

ދައުލަތުން ތުހުމަތުކުރަނީ ލިޓަންގެ އަތުގައި ހުރި ފައިސާގެ ބޭނުމުގައި އޭނާ މޫދަށް ވައްޓައިލީ ކަމަށެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ލިޓަންއާއެކު ދަތުރުކުރި ކަމަށާއި، މޫދަށް ވައްޓައިލި ކަމަށާއި ނަމަވެސް އެކަން ކުރީ ލިޓަން މަރާލުމުގެ ގަސްދުގައި ނޫން ކަމަށް، އެ މައްސަލައިގައި ނިޒާމް ހައްޔަރުކުރި ވަގުތު ފުލުހުންގެ ގާތުގައި އޭނާ ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދީފައިވާ ކަމަށެވެ.

އެގޮތަށް ގަލުފަޅު ކިޔާ ސަރަހައްދަކަށް ލިޓަން ވައްޓައިލި ކަމަށް ނިޒާމްގެ ތަހުގީގީ ބަޔާނުގައި އެއްބަސްވެ، އެކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށްވެސް ހުކުމްގައިވެއެވެ.

އެހެންކަމުން، ތަހުގީގު ބަޔާނާއި ފުލުހުން ހޯދި ހެކިތަކުން ހާމަވާ ކަންކަން ދިމާވާއިރު، އެ ހާދިސާ ހިނގި ކަމަށް ނިޒާމް ބުނި ވަގުތުގެ ފަހުން ލިޓަންއަށް ގުޅިފައި ނުވާކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ލިޓަން ވައްޓައިލި ސަރަހައްދަކީ އިސްކޮޅު ޖެހޭ ތަންތަން ހުރި ސަރަހައްދެއް ނަމަވެސް، އެއީ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދަކަށް ވެފައިވާތީ އާއި އެއީ ރޭގަނޑުގެ ވަގުތެއްކަމުން، ކައިރީގައި ހިކިފަސް ތަނެއް ނެތުމުންނާއި ވެއްޓޭ ގޮތުން އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތުމުން ލިޓަން ސަލާމަތްވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ތަހުގީގަށް ބަޔާން ދިނީ މަޖުބޫރު ކޮށްގެން ކަމަށް ނިޒާމް ބުނެފައިވާތީ، ގާޒީ ވިދާޅުވީ، ތަފާތު ދެ ގޮތަކަށް ނިޒާމް އެކަމުގައި ވާހަކަދައްކާފައިވާ ކަމަށެވެ. އެ ބަޔާން ނެގީ ދިފާއީ ވަކީލެއްގެ ހާޒިރުގައި ކަމުން އެފަދަ މަޖުބޫރު ކަމެއްގެ ވާހަކަ ވަކީލަށް އަންގާފައިނުވާ ކަމަށާއި އެފަދަ އެއްވެސް ޝަކުވާއެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިކަމުގެ ހެއްކެއް ނިޒާމްގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ބަޔާން ނެގުމުގައި މަޖުބޫރު ނުކުރާ ކަމަށް ފުލުހުން ހެކިބަސް ދީފައިވާއިރު، ބަޔާންނެގި ވަގުތު ވީ ނިޒާމްގެ ފަރާތުން އެއްވެސް ހާސްކަމެއް ފެންނަން ނެތް ކަމަށް ޑިއޯ ފުޓޭޖުން ދައްކާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ބަޔާނުގައި ހުރި ވާހަކަތަކަށް ނިޒާމްގެ ފަރާތުން އިންކާރު ކޮށްފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ލިޓަން ގެއްލުނު ދުވަހު އޭނާއާއެކު ދަތުރުކުރީ ނިޒާމް އެކަނިކަން ހެކިތަކުން ސާބިތުވާ އިރު، ލިޓަން ފުރުމުގެ ކުރިން 90،000 އަށް ވުރެ ގިނަ ރުފިޔާ ނާޒިމްގެ އަތަށް ލިބުނުކަން ހެކިންގެ ބަހުން އެނގޭއިރު، ނިޒާމްގެ ތަހުގީގު ބަޔާނުން ވެސް ލިޓަންގެ އަތުގައި ފައިސާ ހުރިކަން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެއްބަސްވެފައިވާ މިންވަރަށް ލިޓަންގެ އަތުން ފައިސާ ނުލިބޭ ކަމަށް ނިޒާމްގެ ބަޔާނުގައި ބުނެފައި ވާތީ، އެ ދެ މީހުން ފުރައިގެން ދިޔައިރު ލިޓަންއާ މެދު ނިޒާމްގެ އަދާވާތްތެރިކަން އޮތްކަން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ނަމަވެސް ގާޒީ ވިދާޅުވި ގޮތުގައި ގަސްދުގައި މީހަކު މެރުމުގެ ކުށް އިސްލާމީ ޝަރީއަތުގައި ބުނާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ސާބިތުވާ މިންވަރުގެ ހެއްކެއް އެ މައްސަލާގައި ނެތް ކަމަށެވެ.

އިންސާނެއްގެ ފުރާނައިގެ މައްޗަށް ފަރުވާލެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ގާނޫނުގައި ބުނާ މިންގަނޑުން ނިޒާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމެވީ އެހެންވެގެން ކަަމަށް ގާޒީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *