ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި ބަދަލުތަކަށް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ރައްދު ދެއްވައިފިއެވެ.
މީކާއިލްގެ އިންތިހާބީ ކެމްޕެއިން "އިތުބާރު" ރަސްމީކޮށް ލޯންޗްކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް "ތިރިން މައްޗަށް" ސިޔާސަތުތައް ބައްޓަންކުރާ ޕާޓީއެއް ކަމަށެވެ.
ނަމަވެސް މިހާރު ހުށަހެޅިފައިވާ ބަދަލުތަކަކީ "މަތިން ތިރިއަށް" އައިސްފައިވާ ކަންކަން ކަމަށާއި، އެ އިޖުރާތު ރަނގަޅު ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި މައިގަނޑު އިސްލާހަކީ ދައުލަތުގެ މަތީ ވެރިޔާ އާއި ސަރުކާރުގެ މަތީ ވެރިޔާ އަކީ ވަކި ދެ މަގާމަކަށް ހެދުމެވެ. މި ހުށަހެޅުމުގައިވާ ގޮތުން ސަރުކާރުގެ ވެރިޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުންނެވެ. ނަމަވެސް ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންގެ ވޯޓުންނެވެ. މީގެ އިތުރުން މަޖިލިސް މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި، ރައްޔިތުންގެ ވޯޓަކުން ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ހެދުން ފަދަ ބޮޑެތި ބަދަލުތަކެއް މި ހުށަހެޅުމުގައި ހިމެނެއެވެ.
މިކަމާ ގުޅިގެން މީކާއިލް ވިދާޅުވީ، މިފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ޕާޓީގެ އާންމު މެންބަރުންނާއި ގައުމީ މަޖިލީހުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ކަމަށެވެ. އަދި ޕާޓީގެ ކޮންމެ ނިންމުމެއްވެސް އަންނަންވާނީ އެންމެ އާދައިގެ މެންބަރުގެ ބަސް ހިމެނިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ މިހާރުގެ މައިގަނޑު އަމާޒަކީ ޗެއާޕާސަންގެ އިންތިހާބެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީ ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަކީ އޭނާގެ އެންމެ ބޮޑު މަގްސަދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





