ކުއްލިޔަކަށް 'ބޮޑު ބަދަލު' ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ގިނަބަޔަކަށް ސިހުން ގެނުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި ފައްޔާޒު ހުށައެޅުއްވީ ވެރިކަންކުރާ ނިޒާމަށް ގެންނަން ބޭނުންވާ "ބޮޑު ބަދަލު" ގެ ކޮންސެޕްޓް ކަރުދާހެކެވެ. ބަރުލަމާނީއާ އެއްގޮތް ވާކަހަލަ ކަންތައް ތަކެއް ހުރި، އެކަމަކު ބަރުލަމާނީއަށްވެސް އަދި ރިޔާސީއަށްވެސް ނުފެތޭ މަސްހުނި ނިޒާމެކެވެ.
މި ހުށަހެޅުމުގައި، މިހާރުވެސް ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބު ކުރާގޮތަށް، ރައްޔިތުންގެ ސީދާ ވޯޓަކުން ސަރުކާރުގެ އިސްވެރިޔާ (ހެޑް އޮފް ގަވަމެންޓް) އިންތިޚާބު ކުރުމާއި، ދައުލަތުގެ ވެރިޔާ ނުވަތަ ހެޑް އޮފް ސްޓޭޓެއް ރައްޔިތުންގެ މަޖިލީހާއި އިންތިޚާބީ ކައުންސިލަރުން މެދުވެރިކޮށް އިންތިޚާބު ކުރުން ހިމެނެއެވެ.
މިއީ ބަރުލަމާނީ އާ ވަރަށް އެއްގޮތް ސިފައެއް ކަމުގައި ވިޔަސް، ބަރުލަމާނީ ނިޒާމެއްގައި ބޮޑު ވަޒީރަކީ ސަރުކާރުގެ އެންމެ އިސްވެރިޔާގެ އިތުރުން މަޖިލީހުގެ މެންބަރެކެވެ. ރާއްޖޭގައި މިހާރު މިއޮތް ޤާނޫނުއަސާސީއެއް އޭރު ދިރާސާ ކޮށްގެން ގެނެސްފައިވާ ޤާނޫނުއަސާސީއެކެވެ.
ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި "މަސްހުނި ނިޒާމް" އާބެހޭ ގޮތުން ވިސްނާއިރު، އެ ދެބޭފުޅުން މި ހުށަހެޅުއްވި ނިޒާމާއި ވަރަށް އެއްގޮތް ސިފަތަކެއް ހުރި ނިޒާމެއް ދުނިޔޭގެ ގައުމަކުން މީގެކުރިން ތަޖުރިބާ ކޮށްފައިވެއެވެ. އެއީ އިޒްރޭލެވެ.
އިޒްރޭލުގައި 1996-2001 އާ ދެމެދު މިކަހަލަ ނިޒާމެއް ހިންގޭތޯ މަސައްކަތް ކުރިއެވެ. އިޒްރޭލުގެ ޤާނޫނުއަސާސީއަށް ގެނައި ބަދަލާއެކު، 1996 ވަނައަހަރު ބޮޑުވަޒީރު އިންތިޚާބު ކުރީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. މިގޮތަށް އިންތިޚާބު ކުރި އެންމެ ފުރަތަމަ ބޮޑުވަޒީރަކީ، އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫއެވެ. އަދި ސެނެޓްގެ މެންބަރުން އިންތިޚާބު ކުރީ ނަޝީދާއި ފައްޔާޒު އެވިދާޅުވާ ހަކަލަ ޕްރޮޕޯޝަނަލް ޕާލިމެންޓަރީ ވޯޓިންގ ސިސްޓަމަކުންނެވެ. ނަމަވެސް، އިޒްރޭލު ރައްޔިތުން ވޯޓު ދިނީ މުޅިން އުއްމީދު ކުރި ގޮތާ ޚިލާފަށެވެ. އެއީ، މިސާލަކަށް، ބޮޑުވަޒީރު ނަތަންޔާހޫއަށް ވޯޓު ދިން ކަމުގައިވިޔަސް، މެންބަރު ހޮވަން ދިން ވޯޓު ގިނަ މީހުން ދީފައިވަނީ އެހެން ޕާޓީއެއްގެ ކެނޑިޑޭޓަށެވެ.
މި އިސްލާހަކީ ދެމެހެއްޓެނިވި އިސްލާހަކަށް ނުވިއެވެ. 2001 ވަނަ އަހަރު، އިޒްރޭލުން އަނެއްކާވެސް ބަރުލަމާނީ ނިޒާމަކަށް ރުޖޫޢަވީ، ޕާޓީ ނިޒާމު ބަލިކަށިވެ، މަޖިލިހުގައި ބައިބައިވުން އިތުރުވެ، ކުދި ޕާޓީތަކަށް މާ ބޮޑެތި ބާރުތައް ލިބެން ފެށީމައެވެ.
ނަމަވެސް، އެދުވަސްވަރު، އިޒްރޭލުގެ ބޮޑުވަޒީރުގެ ބާރުތައް ފުދޭވަރަކަށް ހަނިވެގެން ދިޔައެވެ. ނަޝީދާއި ފައްޔާޒު ހުށައެޅުއްވި މައިގަނޑު އިސްލާހަކީވެސް، މިހާރު ރާއްޖޭގެ ނިޒާމު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މާ ބޮޑެތި ބާރުތައް ލިބި ޚުދުމުޚްތާރު ވެރިކަމެއް ކުރަން މަގުފަހިވެގެން ދިއުމެވެ.
އިޒްރޭލުގެ ފިލާވަޅުން އެނގުނު އެއްޗަކީ، ބޮޑުވަޒީރަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، ގައުމު ހުއްޓުމަކަށް އަންނާނެ ކަމެވެ. މިގޮތުން، މުހިންމު ބިލްތައް ފެއިލް ވުމާއި، ޕްރޮޖެކްޓްތައް ކުރިއަށް ނުދިއުމާއި، ސިކިއުރިޓީ މައްސަލަތައް ދިމާވެ، ވެރިކަން ކުރަން އުނދަގޫ ޙާލަތަކަށް އިޒްރޭލު ދިޔައެވެ.
މީގެ އިތުރުން، ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ރިފަރެންޑަމްތަށް އިތުރު ކުރުމުން، ސިޔާސީ ހަމަޖެހުން ލިބުމުގެ ބަދަލުގައި، ރާއްޖެ އޮންނާނީ އަބަދުވެސް ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ. އެހެން ޤައުމުތަކުގެ ތަޖުރިބާއިން ފެންނަން އޮތް ގޮތުގައި މި ފަދަ ބަދަލުތައް ފަރުވާތެރިކަމާއެކު ފަރުމާ ނުކުރެވިއްޖެނަމަ، ގަސްތުކުރާ ނަތީޖާތަކާ ވަރަށް ތަފާތު ނަތީޖާތަކެއް ނިކުމެދާނެއެވެ.





