ގާނޫނުއަސާސީ އާއި ކަމާގުޅޭ ގާނޫނުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓާ ހިލާފަށް ސަރުކާރުން ހަރަދުކުރަމުންދާކަމަށް ބުނެ، ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރު ކޮށްލައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގެ ހުއްދަ ލިބިގެންނޫނީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެން ނުވާނެ ކަމަށާއި، ވަކިކަމަކަށް ހަރަދު ކުރުމަށް ބަޖެޓްގައި ކަނޑައަޅާފައިވާނަމަ އެ ހަރަދެއް ކުރަންވާނީ އެކަމަށް އެކަނިކަމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ.
ހަމަ އެގޮތަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި، ނުވަތަ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުމާއި، ދައުލަތުގެ މުދަލެއް ވިއްކުން، ނުވަތަ ނައްތާލުން، ނުވަތަ ދޫކޮށްލުމަކީ ހުއްދަނޫން އަމަލެއްކަމަށް ބެލޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ޕެންޝަންސް އެސެޓް އިންވެސްޓްކުރުމާބެހޭ އެއްވެސް ހުށަހެޅުމެއް ސަރުކާރުން ނުވަތަ އެހެންވެސް ފަރާތަކުން ވެސް ހުށަހަޅަންވާނީ ލިއުމުން ކަމާއި، އެ ހުށަހެޅުމެއް އާއްމުކޮށް ހާމަކުރަންވާނެ ކަމަށް ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް، ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާގޮތަށް، އެޑްވާންސެއްގެ ގޮތުގައި ކަމަށާއި، އެގޮތަށްވެސް ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ 2.5 ޕަސެންޓައަށްވުރެ އިތުރު ނުވާނެ ގޮތަށްކަަމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ހިމަނާފައިވެއެވެ.
ނަމަވެސް ގާނޫނުތަކުގައިވާ އެ އުސޫލުތަކާ ހިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި ޕެންޝަން ފަންޑް މެދުވެރިކޮށް ނާޖާއިޒް މުއާމަލާތެއް ހިންގުމަށްފަހު އެ ފައިސާ ސަރުކާރަށް ނެގުމަށް މަސއްކަތް ކުރަމުންދާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
އެގޮތަށް ފައިސާ ނެގުމަކީ ގާނޫނުތަކާއި ކަމާގުޅޭ އުސޫލުތަކާ ހިލާފަށް ސަރުކާރުން ކުރާކަމެއްކަން ބަޔާންކޮށް އެކަމާ އިހުތިޖާޖު ކުރުމުގެގޮތުން ފެންޝަން ފަނޑު ބޯޑުގެ ޗެއާމަނާއި ޗީފް އެގްސެކްޓިވް އޮފިސަރާއި ޗީފް އޮޕަރޭޓިން އޮފިސަރާއި ޗީފް ފައިނޭންސް އޮފިސަރާއި އަދި ބޯޑުމެންބަރުންތަކެއް އިސްތިުފާ ދެއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމުގެ ތެރެއިން، ފެންޝަން ފަނޑުގައި ފަހަށް ރައްކާކޮށްފައިހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ހަރަދުކޮށް ހުސްކޮށލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ގަރާރުގައި ވަނީ މިކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައި ދައުލަތަށް ފައިސާ ހޯދާނެކަމަށް ފިނޭންސް މިނިސްޓަރު ބަޔާންކޮށްފައިވާ ކަންކަމާ ވެސް ހިލާފަށް މަޖިލީހުގެ ހުއްދަ ހޯދުމަކާނުލައި މަޖިލީހަށް އެނގުމަކާނުލައި ސަރުކާރުން ކުރާކަމެއްކަމަށްވެސް ބުނެފައިވެއެވެ.
މި ގަރާރު ބަލައިގަންނަންފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި މަޖިލިސް ތަޅުމުގައި ތިއްބެވި 47 މެންބަރުންގެ ތެެރެއިން، މި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ، ވެލިދޫ ދާއިރާގެ އެމްޑީއެން މެންބަރު މުހައްމަދު އައްބާސާއި އެމްޑީޕީ މެންބަރުން ހިމެނޭހެން އެންމެ ނުވަ މެންބަރުންނެވެ.
މަޖިލިސް ތަޅުމުން މި ގަރާރު ބޭރުކޮށްލީ، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ.





