ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ވިއްކާ ނެޓްވޯކަކާ ގުޅުން ހުރި ދިވެއްސަކު ހައްޔަރު ކޮށްފި

ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ވިއްކާ ނެޓްވޯކަކާ ގުޅުން ހުރި ދިވެއްސަކު ހައްޔަރު ކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކިކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މޫނިމާގެ / ތ.ވިލުފުށި، އާދަމް އަދްލާން ލަތީފް (22އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މުއްދަތު ހަމަވާނީ 2026 އޭޕްރީލް 21 އަށެވެ.

އާދަމް އަދްލާން ލަތީފް ހައްޔަރުކޮށްފަ އިވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، މި ވޮލެޓުން އާދަމް ޢަދްލާން ލަޠީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވުމާއި ގުޅިގެންނެވެ.

މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ވަނީ ފެނިފައެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައްވެސް ހިމެނެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުންނެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަންލިބޭ ގޮތަށް އެކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެކެވެ. އެގޮތުން، މިފަދަ އަނިޔާ ލިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ހޯދައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާނެކަމުގެ ޔަގީންކަން ދޭކަަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *