ސަރުކާރު ކުންފުނި (އެސްއޯއީ) ތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ތަޅުމުން ބޭރު ކޮށްލައިފިއެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދެވެ.
މި ކުއްލި މައްސަލަ ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި މަޖިލިސް ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެެރެއިން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއެކު އެންމެ 12 މެންބަރުންނެވެ. މަޖިލިސް ތަޅުމުން ކުއްލި މައްސަލަ ބޭރުކޮށްލީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް އާއި ޕީއެންސީގެ މެންބަރުންނާގެ 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރުމަށް ނިންމި ނިންމުމުގެ ސަބަބުން އެތައް އާއިލާއެއް ނިކަމެތި ވެގެންދާނެ ކަަމަށެވެ.
މި މައްސަލައާ ގުޅިގެން ކަންބޮޑުވާ ސަބަބުތަކެއް ހާމަކޮށް ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބަކާ ނެތި، ކަމާބެހޭ ޕްލޭނަކާި، ހަރުދަނާ ސިޔާސަތެއްނެތި ކުއްލިއަކަށް މުވައްޒަފުން ތަކެއް ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ކޮންމެހެން ބޭނުން ނުޖެހޭ މިންވަރަށް ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމާއި، ސަރުކާރުން ދޭ މުސާރަ އާއި އިނާޔަތްތަކަށް އާބާދީގެ ބޮޑުބައެއް ބަރޯސާވާން ޖެއްސުމަށްފަހު ކުއްލި ގޮތަކަށް އެމީހުން ވަޒީފާއިން ވަކިކުރުމަކީ، އެކަމުގެ ނޭދެވޭ އަސަރު އާއިލާ ތަކަށްކޮށް، ނަފްސާނީ ބަލީގެ ޝިކާރައަކަށް މުޖުތަމުގެ ގިނަ ބަޔަކު ވެގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، މުވައްޒަފުން ވަކިކުރަނީ، ހަރަދު ކުޑަކުރުމަށް ނަމަ، އެކަން އެންމެ ފުރަތަމަ ފަށަން ވާނީ އާދައިގެ މުވައްޒަފުންނާ ހިސާބުން ނޫން ކަމަށެވެ. އަދި މިކަމަކީ ދައުލަތުގެ ފައިސާ އެއްވެސް ހައްދެއް ނެތި އިސްރާފު ކުރުމަށް ހިންގާ ކަންކަން ހުއްޓާލުމުން ހަރަދު ކުޑަވާނެކަން އެނގޭއިރު، އެފަދަ ކަންކަން ހުއްޓާލުމެއްނެތި ރައްޔިތުންނަށް ބުރައަކަށް ވާގޮތަށް ފިޔަވަޅުރައް އެޅުމަށް ސަރުކާރުން ރާވާފައިވާކަން ހާމަވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.





