ތެޔޮ ލިބުން ދަތިވެ މަސްވެރިކަން ހުއްޓިފައިވާކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށާއި، މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން، މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރު ކުރުން ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ މައްސަލައާ ގުޅިގެން ތެޔޮ ލިބުން ދަތިވެ މަސްވެރިކަމަށް ނުނިކުމެވި ރާއްޖޭގެ މަސްވެރިކަން ހުއްޓެމުންދާ ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާތީ އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.
ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު މައްޗަށް ދިޔައިރުވެސް ދިވެހި މަސްވެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖު ކުރަމުން ކަމަށެވެ
އެހެން ކަމުން އެ ފަދަ ހަބަރުތަކަކީ ހަގީގަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. މި ދަނޑީވަޅުގައިވެސް ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް ސަރުކާރުން މެނޭޖު ކުރަމުން ދާތީ މަސްވެރިން ޝުކުވެރިކަމާއެކު އެކަން ބަލައި ގަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ގިނަ ދުވަސް ތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު މުޅިރާއްޖެއަށް ވެސް އެންވެރިކަން ރަނގަޅުވާން ފެށުމާއެކު މަސްވެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން،" ޝިޔާމް ވިދާޅުވި އެވެ.
އެހެން ކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދު ތަކަށް ބޯޓުތައް ފޮނުވުނުވުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށާއި، މިހާލަތުގައިވެސް ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން ގާތުންބަލައި މަސްވެރިންނަށް އެންމެ ރަނގަޅު ގޮތް ތަކަށް މަސައްކަތް ކޮށްދެމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.





