ރައީސް ވަހީދުގެ ވެރިކަން ވައްޓާނުލެވުނު ބަޔަކަށް ރައީސް މުއިއްޒުގެ ސަރުކާރު ވަކިން ވައްޓާ ނުލެވޭނެ: ފަލާހު

ރައީސް ވަހީދުގެ ވެރިކަން ވައްޓާނުލެވުނު ބަޔަކަށް ރައީސް މުއިއްޒުގެ ސަރުކާރު ވަކިން ވައްޓާ ނުލެވޭނެ: ފަލާހު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ވައްޓާނުލެވުނު ބަޔަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެއެވެ.

ހއ. މުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަނުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަކިން ހާއްސަކޮށް، ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދާފައިވާ ޕީއެންއެފްގެ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ، ވިއްސަކަށް މީހުން މަގުމައްޗަށް ނުކުމެގެން ސަރުކާރެއް ވައްޓާނުލެވޭނެ ކަމަށެވެ.

ފަލާހު ވިދާޅުވީ، ރައީސް ވަހީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ކޮންޓްރޯލްގައި ރައްޔިތުންގެ މަޖިލިސް ނެތް އިރުވެސް އަދި އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ މެންބަރުން މަޖިލީހުގައި ނެތް އިރުވެސް، އޭރުގެ އިދިކޮޅު ފަރާތްތަކަށް އެ ވެރިކަން ވައްޓާނުލެވުނު ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސް ވަހީދަކީ މަޖިލިސް މެމްބަރެއް އެމަނިކުފާނުގެ ހުންނެވި ބޭފުޅެއް ނޫން. އެމަނިކުފާނުގެ ޕާޓީއެއް މެމްބަރުން ތިއްބެވި ބޭފުޅެއް ނޫން. ހަމައެކަނި ހުންނެވި ބޭފުޅެއް. އެމަނިކުފާނުގެ ވެރިކަމާ ނުކުޅެވުނު ބަޔަކު ވެރިކަންތައް ވައްޓަން ކޮން ކަމަކާ؟" ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީން ގައުމުގެ އިގްތިސާދު ފުނޑާލާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ފަލާހު ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ދެ މިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް، ސަރުކާރު ވައްޓާލަން ގޮވާލަމުންދާ ދަނޑިވަޅެއްގައި ފަލާހު ވިދާޅުވީ، ޕީއެންސީ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުތަކުން ލިބުނު ކާމިޔާބީއަކީ އޭގެ ހެއްކެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *