ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ މަގާމަށް، ހަސަން ރަޝީދު މިއަދު އައްޔަންކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ގައްސާން މައުމޫން އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ހަސަން ރަޝީދަށް މިނިސްޓަރުކަމުގެ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓް މެންބަރުކަމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، ކެބިނެޓް މެންބަރުކަމުގެ ހުވައިގެ އިގުރާރުގައި މިނިސްޓަރު ވަނީ ސޮއިކުރައްވައިފައެވެ.
ގައްސާނާއެކު ޖުމުލަ ދިހަ މިނިސްޓަރަކު އިއްޔެ ވަނީ އިސްތިއުފާދެއްވައިފައެވެ. އެބޭފުޅުންގެ އިސްތިއުފާއާއެކު ރައީސް މުއިއްޒު ވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފައެވެ. އިތުރު އާ ހަތަރު މިނިސްޓަރުން އައްޔަންކުރައްވައި، ރައީސް ވަނީ ކެބިނެޓްގެ އަދަދު 20 އިން 15 އަށް މަދުކުރައްވައިފައެވެ. މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލު ގެންނަވައި، ރައީސް ވަނީ ބައެއް މިނިސްޓްރީތައް ވެސް އުވާލައްވައިފައެވެ.





