ސަރުކާރުގެ ނާގާބިލުކަމުން ރައްޔިތުންނަށް ކެތްކުރެވެނީ ވަކިވަރަކަށް، އަވަސް އިންތިޚާބަކަށް ދާންޖެހޭ: ފައިސަލް

ސަރުކާރުގެ ނާގާބިލުކަމުން ރައްޔިތުންނަށް ކެތްކުރެވެނީ ވަކިވަރަކަށް، އަވަސް އިންތިޚާބަކަށް ދާންޖެހޭ: ފައިސަލް

މިހާރުގެ ސަރުކާރުގެ ހިންގުންތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވައި، ގައުމުގެ މަސްލަހަތު ހިފެހެއްޓުމަށްޓަކައި އަވަސް އިންތިޚާބަކަށް ދިއުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ފައިސަލް ނަސީމް ވިދާޅުވީ، ވެރިކަމަކީ ރައްޔިތުންގެ މައްޗަށް އޮތް ބޮޑު އަމާނާތަކަށް ވީހިނދު، މި ސަރުކާރު ފެށުނީއްސުރެ ފެންނަނީ އެއްވެސް ހަރުދަނާ މިސްރާބެއް ނެތި ހިންގަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން، ނިމިދިޔަ އިންތިޚާބުގައި ރައްޔިތުންގެ 70 އިންސައްތަ ސަރުކާރަށް "ނޫނެކޭ" ބުނެފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ނުރުހުމާއި އިތުބާރު ނެތުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން، ދައުލަތަށް އެންމެ ފައިދާވާ ކުންފުނިތައް ބަނގުރޫޓުވުމާ ގާތަށް ގޮސްފައިވާ ކަމަށާއި، އެމްއޭސީއެލް ފަދަ މުހިންމު މުއައްސަސާތައް ސިޔާސީ ޖަގަހަތަކަށް ބަދަލުކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން، ކަރަންޓު ކެނޑުމުގެ މައްސަލައާއި، މުދާ އެތެރެކުރުމުގައި ކުރިމަތިވާ ލަސްތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ސިޔާސީ ބޭނުމަށް މާ ގިނައިން ވަޒީފާ ދިނުމަށްފަހު، މިހާރު މުވައްޒަފުން ވަކިކުރަން މަޖުބޫރުވެފައިވުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާ މެދު ގޮތް ނުނިންމި، ސަރުކާރުގެ ތެރޭގައި އޮޅުންބޮޅުން ބޮޑުވެފައިވާ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ދުނިޔެ މިހާރު ކުރިމަތިލަމުންދާ ދަތި ދަނޑިވަޅުގައި، އަމިއްލަ އެދުން އިސްނުކޮށް ހިކުމަތްތެރިކަމާއެކު ގައުމު ހިންގަންޖެހޭ ކަމަށް ވިދާޅުވެ، ފައިސަލް ވަނީ ގައުމީ އެއްބައިވަންތަކަން އިސްކޮށް، އަވަސް އިންތިޚާބަކަށް ދިއުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ކެތްކުރެވޭނީ ވަކި މިންވަރަކަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *