ކެބިނެޓަށް އޮތް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލި، ރައީސުލްޖުމްހޫރިއްޔާއަށް އޮތް ރައްޔިތުންގެ އިތުބާރުވެސް މިހާރު ކެނޑިފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ނާޒުކު ވަގުތުގައި ގައުމުގެ އިގްތިސާދީ އަދި އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުން މަޖުބޫރެވެ.
މީގެ އިތުރުން، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ރާވައި ހިންގުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ "އިންތިގާލީ ސަރުކާރެއް" އެކުލަވާލުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ ފަދަ ސިޔާސީ އޮނިގަނޑެއްގެ ތެރެއިންނެވެ.





