މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް ގާނޫނުގައި އޮތް ގޮތް ބަދަލުކޮށް، މައިމުޅަވުމުން ވެސް ތަރިކައިން ގޯތި ލިބޭ ގޮތް ހަދަން ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ފޮނުއްވި މި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނޭތޯ ބެލުމަށްޓަކައި މިއަދު ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެެރެއިން ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނާއި، އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސާއެކު ޖުމްލަ 10 މެންބަރުންނެވެ. ބަިލު ބަލައި ނުގަތުމަށް ވޯޓު ދެއްވީ ޕީއެންސީގެ 49 މެންބަރުންނެވެ. މި ބިލު މަޖިލީހަށް ބަލައިގަންނަން ބޭނުންވަނީ 30 ވޯޓެވެ.
މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، މައި މުޅަވުމުގެ ސަބަބުން ބިމުން ނުލިބޭ ހާލަތްތަކެއް ގާނޫނުން ކުރިމަތިވަމުން ދިއުމުގެ ސަބަބުން، މުޖުތަމަތުގެ ތެރޭގައި އަދި އާއިލާގެ މެދުގައި އަރާރުން އުފެދި މައްސަލަތައް ކުރިމަތިވަމުން ދިއުމަކީ، ބޭއިންސާފު ހާލަތްތަކެއް ކުރިމަތިވަމުންދާ ކަމަކަށްވާތީ މައިމުޅަވާ ކުދިންނަށް ބިމުން ނުލިބޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުން ކަމަށެވެ.
ބިމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންނާއި އަދި ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދޭން ޖެހޭނެ ކަމަށެވެ.
ތަނަވަސްކަން ހުރި ކަމަށް ބަލާނީ އިސްލާހުގެ ބިލުގައިވާ ގޮތުން ގަތުމަކުން، ވިއްކުމަކުން، ހިބައަކުން ނުވަތަ ވަސިއްޔަތަކުން ނުވަތަ ތަރިކައަކުން ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީ ކުރެވިފައިވުމެވެ.
ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ބިމެއް ނޫނީ ފްލެޓެއް ލިބިފައިވުމެވެ. މިހާރު ގާނޫނުގައި އޮންނަ މާއްދާގައި ބުނަނީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެ ކަމަށެވެ.
އެހެންކަމުން މައިމުޅަވާ މީހުންނަށް ތަރިކައިން ބަންޑާރަ ގޯއްޗެއް ލިބޭ ގޮތަކަށް މިހާރު ގާނޫނުގައި ނޯވެއެވެ. މައިމުޅަވުމުން ތަރިކައިން ލިބޭ ބައި އުނިވުމަކީ އިސްލާމީ ޝަރީއަތުގައި އެކަން އޮންނަ ގޮތެވެ. އެހެންވެ، ކޯޓުތަކުން ތަރިކަ ބެހުމުގައި އަމަލު ކުރަމުންދަނީ އެ އުސޫލަށެވެ.
މައިމުޅަވުމަކީ މައިންބަފައިން ދުނިޔޭގައި ތިއްބައި ދަރިންމަރުވާ ހާލަތުގައި މަރުވެފައިވާ ދަރިއެއްގެ ދަރިންނަށް ތަރިކަ މުދަލުން ނުލިބޭ ހާލަތެއް ދިމާވުމެވެ. އިސްލާހުގައި މިކަން މާނަކޮށްދީފައިވާ ގޮތުން ނަމަ، މައިމުޅަ ދަރިންނަކީ، އެ ދަރީގެ ބައްޕަ ނުވަތަ މަންމަ ހުރި ނަމަ، އެ ބައްޕައަކަށް ނުވަތަ މަންމައަކަށް ލިބޭ އެކަމަކު ތަރިކައިގެ މައްޔިތާގެ ކުރިން އެ މީހުން މަރުވުމުން އެ މީހުންނަށް އަދި އެ މީހުންގެ ދަރިންނަށް ތަރިކަ ނުލިބޭ މިފަދަ މީހުންގެ ދަރިންނެވެ.





