މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމުން މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފިއެވެ.
ފަރުހަތު އެމަގާމަށް އައްޔަްނ ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ފަރުހަތަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވުމަށްފަހު، 2012 ވަނަ އަހަރު ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވި ބޭފުޅެކެވެ. ފަރުހަތު ވަނީ އެމްއެންޑީއެފްގައި 30 އަހަރު ދުވަހުގެ މުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ.
ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ފަރުހަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރައްވާ ތިންވަނަ ބޭފުޅާއެވެ. މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ހަމަޖެއްސީ އަހުމަދު ޝަމާހު ރަޝީދެވެ.
ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އެފަހުން މިފްކޯގެ ސީއީއޯގެ މަގާމު ހުސްކޮށް އޮތުމަށްފަހު ރާއްޖެއިން ބޭރު ސީއީއޯއެއް ހޯދަން ވެސް އިއުލާންކުރިއެވެ.
އެންމެ ފަހުން އެ މަގާމުގައި ހުންނެވީ ޔޫކްރެއިނަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ވިޓާލީ ލިއުބިމޮވް އެވެ.





