މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑިި ގެއްލިއްޖެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސިނާންއަށް އެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ ދެންމެ ސުޕްރީމް ކޯޓުންނެވެ.

އެއީ ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއް ގޮތަށް ދަރަނި ނުދައްކާ އޮތް މައްސަލައަކާ ގުޅިގެންނެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ސިނާން އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައިގައި، ދަރަނި ނުދައްކައިގެން ދަރަނި ނުދައްކާ މައްސަލަ އިގައި ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ގާލިބު ސަލީމެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަސް ފަނޑީޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު މައްސަލައިގެ ހުކުމް އިއްވަވަމުން މިއަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

ހުކުމުގެ ދަށުން ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތު ދީފައިވާއިރު، ސިނާންގެ ފަރާތުން އެ ފައިސާ އެއްކޮށް ދެއްކީ ތިން ވަނަ މަހު ކަމަށްވާތީ ހުކުމުގެ މުއްދަތުގައި ފައިސާ ދައްކާފައިވާ ކަމަށް ސިނާންގެ ފަރާތުން ބުނެފައިވިޔަސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހުކުމް އޮތްގޮތުން ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރު ދައްކަމުން ދާން ޖެހޭއިރު، ފައިސާ ދައްކަން ވެސް ޖެހޭނީ އެގޮތަށް ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން ސިނާންގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށާއި، އެ ހުކުމަކީ ގައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

މީގެ އިތުރުން ލޯނުގެ ފައިސާ ހޯދަން އިސްލާމިކް ބޭންކުން ސ. ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް އެ މައްސަލާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ސިނާންގެ ވަކީލް އެ މައްސަލައިން ތަނާޒުލްވެފައިވާކަން ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

މައްސަލައިގައިވާ ކަންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުއަށް، ދެން ތިއްބެވި ހަތަރު ފަނޑީޔާރުން ކަމަށްވާ، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދު ކުރައްވައި ފަސްފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާކަން ސިނާންގެ މައްޗަށަ ސާބިތުވާތީ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

ފަސް ފަނޑީޔާރު މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *