އެމްޑީޕީގެ ހިޔާލުތަފާތުވުންތަކަށް ހައްލެއް ލިބިއްޖެ، އެއްވެސް ލީޑަރަކު ބާކީއެއް ނުވާނެ: ރައީސް ސޯލިހު.

 އެމްޑީޕީގެ ހިޔާލުތަފާތުވުންތަކަށް ހައްލެއް ލިބިއްޖެ، އެއްވެސް ލީޑަރަކު ބާކީއެއް ނުވާނެ: ރައީސް ސޯލިހު.

އެމްޑީޕީގެ ލީޑަޝިޕްގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް މަޝްވަރާގެ މަތިން ހައްލު ހޯދިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެއްވެސް ބޭފުޅަކު ބާކީނުކޮށް ޕާޓީން މަސައްކަތް ކުރާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ ހިންނަވަރުގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކައުންސިލް އިންތިހާބަށް ފަހު ލީޑަޝިޕްގެ ބޭފުޅުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމަށް އާންމު މެންބަރުން އެދޭ ފަދަ ހައްލެއް މިހާރު ލިބިފައިވާ ކަމަށެވެ.

ޚާއްސަކޮށް، މީގެ ދެ ދުވަސް ކުރިން މާލޭގެ އާޓީފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައިގައި ޕާޓީގެ ތެރޭގައި އުފެދުނު ބޮޑު ހިޔާލުތަފާތުވުމަށް ހައްލެއް ހޯދުމަށް ފާއިތުވި ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިއްޔެވެސް، ރޭވެސް، މިއަދުވެސް ގިނަ ވަގުތު އަޅުގަނޑު ހޭދަކުރީ އެކަމުގައި. އިރާދަކުރެވިއްޔާ މިހާހިސާބަށް އައިއިރުގައި އަޅުގަނޑުމެން މި ވަނީ މިކަމަށް ހައްލެއް ހޯދާފައި،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އާންމު މެންބަރުން އެދޭ ގޮތަށް ލީޑަޝިޕް ގުޅިގެން މަސައްކަތް ކުރެވޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ. ޕާޓީގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.

އަދި އެ އަމާޒަށް ވާސިލްވުމަށްޓަކައި ޕާޓީގެ ރައީސާއި އެހެނިހެން ލީޑަރުން ހިމެނޭ ގޮތަށް، އެއްވެސް މީހަކު ބާކީނުވާނެ ފަދަ އިންތިޒާމެއްގެ ދަށުން ކުރިއަށްދާތަން ފެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *