ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމީޓީގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ ގޮނޑިތަކަށް ވާދަކުރި ކެންޑިޑޭޓުންވަނީ އެ މީހުންގެ ކެމްޕޭނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވުމަށް އެދި އާދޭސް ކޮށްފައި ކަމަށާއި ނަމަވެސް ނަޝީދު ކެމްޕޭނުގައި ބައިވެރިވެވަޑައިނުގަތް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ގަޕޯ ވިދާޅުވީ ކެމްޕޭން ކޮމިޓީގެ ފަރާތުން ނަޝީދަށާއި ހުރިހާ ލީޑަރުން ދައުވަތު ފޮނުވި ކަމަށާއި ނަމަވެސް ނަޝީދު ކެމްޕޭނަށް ސިޓީތަކަށް ދިޔުމަށް އިންކާރުކުރި ކަމަށް ގަޕޯ ވިދާޅުވި އެވެ. ލީޑާޝިޕާއެކު، ކެމްޕޭނަށް ވަޑައިނުގަންނަވާނެކަމަށް ނަޝީދު ވަރަށް ސީދާކޮށް ވިދާޅުވި ކަމަށް ގަޕޯ ވިދާޅުވިއެވެ. އެހެންވެ އެމްޑީޕީގެ ލީޑާޝިޕުން ސިޓީތަކަށް ވަޑައިގެންނެވީ ނަޝީދުއާ ނުލާކަމަށް ގަޕޯ ވިދާޅުވިއެވެ.
"ގޮސްފަ އައި ފަހުން އެތަނުގަ އޮތް ކްރައުޑް ފެނިގެން ރައީސް ނަޝީދު އެ ޖަލްސާތަކަށް ފަހުން ދިޔައީ. އެއީ މިއަދުގެ ހަގީގަތަކީ" ގަޕޯ ވިދާޅުވި އެވެ.
"މާލޭގަ މޭޔަރު ކަމަށް، މި ގޮޑިތަކަށް ހޮވުނު ކުދިން އާދޭސްކުރި ތިމަންނާމެންނާ އެއްކޮށް ރައީސް ނަޝީދު ވަޑައިގަންނަވާށޭ ގޭގެއަށް ދާން، ނުދިޔަ"
ގަޕޯ ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރެއްވި ޒަރިޔަންދަށް، ލިބިވަޑައިގެންނެވި ވޯޓަކީ، ޔާމީނުގެ ތާއީދުގެ ސަބަބުން ލިބުނު ވޯޓުތަކެއް ނޫން ކަމަށެވެ.
"އެކަންވ ގޮތް ހަމަ ވަރަށް ރަނގަޅަށް ޕާޓީގެ މީހުންނަށް އެނގޭނެ" ގަޕޯ ވިދާޅުވި އެވެ.





