އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑު ހަމަނުޖެހުމާއި ގުޅިގެން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.
ގަޕޯ ވިދާޅުވީ ޕާޓީގެ ތެރޭގައި މިހާރު ހިންގަމުންދާ ކަންކަމަކީ އޭނާ "ކަތިލުން" ނޫން ކަމަށާއި، އެއީ ސީދާ "އެމްޑީޕީ ކަތިލުން" ކަމަށެވެ.
.މި މައްސަލަ ފެށިގެން އައީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވި މައްސަލައިގައެވެ. މިކަމާ ހިތްހަމަނުޖެހިގެން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ޖަލްސާ ބޮއިކޮޓްކުރިއިރު، ރައީސް ނަޝީދުވެސް ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.
ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ގަޕޯ ވިދާޅުވީ، ޖަލްސާގެ އެޖެންޑާ އަކީ އޭނާ އަމިއްލައަށް ނިންމެވި ކަމެއް ނޫން ކަމަށެވެ. ފައްޔާޒާއި ނަޝީދު ގުޅުއްވައި ވާހަކަ ދައްކަވަން ފުރުސަތަކަށް އެދިވަޑައިގަތުމުން، ކެމްޕެއިން ކޮމިޓީއާ މަޝްވަރާކުރަން ވަގުތުކޮޅަކަށް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ ފޯނު ކޯލް ނިންމަވައި ނުލެވެނީސް، ނަޝީދު ޖަލްސާ ބޮއިކޮޓް ކުރެއްވި ޚަބަރު މީޑިއާތަކަށް އަރާފައިވާ ކަމަށް ގަޕޯ ފާހަގަކުރެއްވިއެވެ.
"ވޭތުވެ ދިޔަ ތިން އިންތިހާބުން ފޭލިވި، ހަތަރު ބައި-އިލެކްޝަނުން ފޭލިވި، ޕާޓީ މަގުމަތި ވެފައި އޮތް ވަގުތު އަޅުގަނޑު ތެދުވެ، ޕާޓީ ނަގާ ކޮޅަށް ޖެހީ،" ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގަޕޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު އިންތިހާބު ކާމިޔާބުވުމުން އޭގެ ކްރެޑިޓް އޭނާ ބޭނުންނުވާ ކަމަށާއި، ނަމަވެސް އޭނާ މަގާމުން ވަކިކުރަން އުޅުމަކީ ޕާޓީ ނިކަމެތިކުރުން ކަމަށެވެ.
މި ހަމަނުޖެހުން އިތުރަށް ހޫނުވީ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
މިއާއެކު ގައުމީ މަޖިލީހުގެ 55 މެންބަރަކު ސޮއިކޮށް ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިހާރު ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގައި ގަޕޯ ވިދާޅުވީ އޭނާ އަމިއްލައަށް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ގަޕޯ ވިދާޅުވި ގޮތުގައި އޭނާގެ މަގާމާ މެދު ގޮތެއް ނިންމަންޖެހޭނީ ގައުމީ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.





