ކޮލަމްބޯގައި ތާށިވި 80 ކޮންޓެއިނަރު އަވަސް ކޮށްދޭން މަޝްވަރާ ކުރަނީ

ކޮލަމްބޯގައި ތާށިވި 80 ކޮންޓެއިނަރު އަވަސް ކޮށްދޭން މަޝްވަރާ ކުރަނީ

ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ތާށިވެފައިވާ ކޮންޓެއިނަރުތަކުގެ ތެރެއިން 80 ކޮންޓެއިނަރު އަވަސްކޮށްދިނުމަށް ލަންކާގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، މިވަގުތު ކޮލަމްބޯގައި ޖުމްލަ 4،200 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށެވެ. އެ ކޮންޓެއިނަރު ތަކުގެ ތެރޭގައި ރާއްޖޭގެ ދިރިއުޅުމަށް އަސާސީ ގޮތުން ބޭނުންވާ ތަކެތި ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި، ރާއްޖޭގެ ބާޒާރަށް ތެލާއި ކިރު ލިބުން ދަތިވެދާނެ ކަމުގެ ކަންބޮޑުވުންތައް ވިޔަފާރިވެރިންގެ ފަރާތުން ލިބިފައިވާތީ، ސަން ފްލާވަރ ތެޔޮ އަދި ކިރު ހިމެނޭ ކޮންޓެއިނަރުތައް ވީހާ ވެސް އަވަހަށް ރާއްޖެ ގެނައުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. 164 ބާވަތެއްގެ ތެރެއިން ހިމެނޭ މި ދެ ބާވަތަކީ ރައްޔިތުންގެ ދަތިކަން ދުރުކުރުމަށް ވަގުތުން ފޯރުކޮށްދޭންޖެހޭ ތަކެތި ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ސިޔާސީ ހަލަބޮލިކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާ އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ ބާޒާރަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ބާޒާރަށް ކާބޯތަކެތި ލިބޭނެ ނިޒާމު ހަރުދަނާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން ހަލުވިކަމާ އެކު މަސައްކަތް ކުރަމުންނެވެ. ޒަރޫރީ ސާމާނު ހުއްޓުމެއް ނެތި ލިބޭނެ ގޮތް ހަމަޖެހި، ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ކުޑަ ކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *