އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ކަމުގައި ހުންނެވި އިބްރާހީމް ވަޙީދު (އިބުރޭ) މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
އެމްޑީީގެ ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ އިބުރޭ މަގާމުން ވަކިކޮށްފައި ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ޗެއާޕާސަންގެ ނާއިބު، ގައުމީ މަޖިލީހުގެ ރުހުމާއެކު، ޗެއާޕާސަން އައްޔަނު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ހަމަ އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނު ކުރެވިދާނެ ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ޗެއާޕާސަންގެ ނާއިބު މަގާމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބުނެފައި ނުވާތީ، 70 ވަނަ މާއްދާއާ ހަވާލާދީ، މަގާމުން ވަކިކުރީ ކަމަށެވެ.
ޗެއާޕާސަންގެ ނައިބު ކަމުން އިބުރޭ ވަކިކުރިއިރު، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ކަމުގައި ހުންނެވި އަޙްމަދު މައުރޫފްވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.





