މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދިފައިވާ ކަމަށް އެންޓި-ސްކޭމް ސެންޓަރުން ބުނެވިއެވެ.
އެ ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، މާޗު މަހުގެ 29 އިން މި އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހާ ދެމެދު ޖުމްލަ 42 ސްކޭމްގެ މައްސަލަ އެންޓި-ސެކޭމް ސެންޓަރަށް ރިޕޯޓް ކުރިއެވެ.
މި މައްސަލަތަކުގައި 322,270 ރުފިޔާ ގެއްލުނުއިރު، އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227,828 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ) އަނބުރާ ވަނީ ހޯދިފައެވެ.
މިއީ މައްސަލަ ހުށަހެޅޭ ވަގުތުން ފެށިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެޅޭ އަވަސް ފިޔަވަޅުތައް ހަލުވިވެފައިވާ މިންވަރާއި، ތަހުގީގުގެ މަރުހަލާތަކުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.
ސްކޭމް ސެންޓަރުން ބުނީ، އެންމެ ގިނައިން ހުށަހެޅެނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް ކަމަށާއި، މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތައް ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން މިފަދަ ޖުމުލަ 30 މައްސަލައެއް ހުށަހެޅުނު ކަމަށާއި، މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި، ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ.
އޮންލައިންކޮށް ވިޔަފާރިކުރާއިރު، ހާއްސަކޮށް ނަން މަޝްހޫރު ނޫން ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މާކެޓްޕްލޭސްތައް މެދުވެރިކޮށް މުދާ ގަންނައިރު، ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެއް ކަމަށް އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާ ސްކޭމްގެ ހަތަރު މައްސަލ އާއި މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ހަތަރު މައްސަލަ އާއި، އެހެނިހެން ވައްތަރުތަކުގެ ސްކޭމްގެ ހަތަރު މައްސަލަ ހިމެނޭކަމަށްވެސް ބުނެފައިވެއެވެ. މީގެ ތެރޭގައި އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މައްސަލަތައް ހިމެނެއެވެ.





