މަގޫދޫން އެރި ތަރި މަކުނުދޫއަށް- ވަޙީދުގެ ތާރީޚީ ކާމިޔާބާއި ކައުންސިލް ހިންގުމުގެ ހުރަނާއި ތަޖުރިބާގެ ފޮނި ނަތީޖާ
ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި މިއިން ދުވަހަކު ފެނިފައިނުވާ ފަދަ އާދަޔާޚިލާފު ނަތީޖާއެއް މިވަނީ ފެނިގެން ގޮސްފައެވެ. އެއް ރަށެއްގެ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ބޭފުޅަކު، މުޅިން އެހެން އަތޮޅެއްގެ އެހެން ރަށެއްގެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވައި، އެ ގޮނޑި ކާމިޔާބު ކުރެއްވުމަކީ މި ނިޒާމަށް އައި އާ ތަސައްވުރެކެވެ.
މި ތާރީޚީ ކާމިޔާބީ ހޯއްދެވީ ފ. މަގޫދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި އަބްދުﷲ ވަހީދެވެ. އޭނާ ވަނީ ހދ. މަކުނުދޫ ކައުންސިލްގެ ރައީސް ކަމަށް މިފަހަރު ވާދަކުރައްވައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. ވަހީދަކީ ވޭތުވެދިޔަ 3 ދައުރުގައިވެސް މަގޫދޫގެ ރައީސްގެ ގޮތުގައި ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ، އަދި ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
މަކުނުދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލެއްވިއިރު ވަހީދަކީ އެ ރަށަށަށް އުފަން ބޭފުޅެއްނޫނެވެ. މަކުނޫދޫއަށް މުޅިން އާ ބޭފުޅެކެވެ. މަކުނުދޫއާ ވަޙީދާ އޭރު އޮތް ހަމައެކަނި ގުޅުމަކީ އޭނާގެ އަނބިމީހާގެ ރަށަށް މަކުނުދޫވުމެވެ. ނަމަވެސް، އޭނާގެ މުޅި އާއިލާ ދިރިއުޅެމުން މަކުނުދޫއަކުނޫނެވެ. ވަޙީދުގެ އުފަން ރަށް މަގޫދޫގައެވެ.
އެހެންކަމުން، ބީރައްޓެއްސެއްގެ ގޮތުގައި ހުރެ، ފ. އަތޮޅުގެ ރަށްތަކާއި މުޅިން ތަފާތު ސަގާފަތެއް އޮތް އަތޮޅެއްގެ ރަށަކުން ތާއީދު ހޯދުމަކީ ވަހީދު ނެންގެވި ސިޔާސީ ބޮޑު ރިސްކެކެވެ. ނަމަވެސް، އޭނާގެ އިތުބާރު އޮތީ މަގޫދުއަށް އޭނާ ގެނެސްދެއްވި ތަރައްގީގެ "މޮޑެލް" މަކުނުދޫ ރައްޔިތުން ބަލައިގަންނާނެ ކަމުގެ މައްޗަށެވެ.
އިންތިޚާބުގެ ނަތީޖާ އައީ ވަހީދު އުންމީދު ކުރެއްވި ފަދަ ކާމިޔާބީއަކާ އެކުގައެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި އޭނާ ވަނީ ވޯޓުގެ 65 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. މިއީ ހދ. އަތޮޅުގެ ރަށެއްގެ ކައުންސިލް ރައީސަކަށް މިހާ ގިނަ ވޯޓު ލިބުނު ފުރަތަމަ ފަހަރު ކަމަށްވެސް ފާހަގަ ކުރެވެއެވެ.
ވަހީދު މަގޫދުއަށް ގެނެސްދެއްވި އެންމެ ބޮޑު ބަދަލަކީ ކައުންސިލް މާލީ ގޮތުން ބާރުވެރި ކުރުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު މަގޫދޫ ކައުންސިލަކީ ސަރުކާރުގެ ބަޖެޓަށް އެކަނި ބަރޯސާނުވެ، އަމިއްލަ އާމްދަނީން ރަށް ހިންގޭ ފަދަ ގާބިލް މުއައްސަސާއެކެވެ. ރަށުގެ ބިމުގެ ބޭނުން ހިފައިގެން އިންޓަގްރޭޓެޑް ޓޫރިޒަމް ތައާރަފްކޮށް، ކައުންސިލުން އަމިއްލައަށް ދެ ގެސްޓްހައުސް ހިންގުމާއި، ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ސިޓީ ހޮޓާ އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މީގެ އިތުރުން، އިޓަލީގެ ޔުނިވަސިޓީއެއްގެ ގޮފި ހިންގުމާއި، މަޝްހޫރު އިންޓަމިލާންގެ އެކަޑަމީއެއް ގާއިމު ކުރުމަކީ އޭނާގެ ދައުރުގައި ލިބުނު ބޮޑެތި ކުރިއެރުން ތަކެވެ. ތައުލީމީ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް ރަށު ސްކޫލަށް ހަތަރު މިލިއަން ރުފިޔާގެ އެހީތެރިކަން ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ.
ކުޅިވަރުގެ ދާއިރާއިންވެސް އޭނާގެ ރައީސް ކަމުގެ މި ދައުރުގައި މަގޫދޫ ވަނީ އެހެން ލެވެލްއަކަށް ގެންގޮސްދީފައެވެ. ރާއްޖޭން ބޭރުގައި އޮތް މުބާރާތެއްގެ ތަށި މަގޫދޫއަށް ގެނެސް ދެއްވިއެވެ. މަގޫދޫ ޒުވާނުންނަށް ކުޅިވަރުގައި ކުރިއަށް ދެވޭނެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވިއެވެ.
ވަޙީދުގެ ކެމްޕޭނުގައިވެސް އޭނާ މަކުނުދޫ ރައްޔިތުންނަށް ވިއްކީ އޭނާ މަގޫދޫ ކައުންސިލުގައި ހުންނަވައިގެން ހޯއްދެވި ކާމިޔާބާއި ތަކުރިބާއެވެ. ލިބުނު ނަތީޖާއެވެ. މަކުނުދޫވެސް މުޅިން ބަދަލު ކޮށްލަދޭނެ ކަމުގެ އުންމީދެވެ. މަކުނުދޫ ރައްޔިތުން އޭނާއަށް އިތުބާރު ކުރަންޖެހޭ ސަބަބުތައް ކެމްޕޭނުގައި ވަޙީދު ދިޔައީ ވަރަށް ސާފުކޮށް ކިޔައިދެމުންނެވެ. މާޒީގެ މަންޒަރުތަކާއި ކުރިއަށް ހުރި މަންޒަރުތަކުގެ ތަސްވީރާއެކުގައެވެ. ވަޙީދަށް މަކުނުދޫ ރައްޔިތުން އިތުބާރުކުރިއެވެ. ދެން އޮތީ މަކުނުދޫއަށް ވަޙީދު ވިއްކެވި މަންޒަރުތަކުގައި ކުލަޖައްސައިދިނުމެވެ. ކޮންމެ ޕާޓީއެއްގައި ހުއްޓަސް އެކަންވާނެ އޭނާ ވަނީ މަގޫދޫގައި ސާބިތުކޮށްދީފައެވެ. މަކުނުދޫއަށްވެސް އެކަން ނުވާންވީ ސަބަބެއް ނެތެވެ. މަކުނުދޫ ރައްޔިތުން ބުނެފައި އެވަނީ ބޭނުންވަނީ ވަޙީދު ކަހަލަ އަޒުމް ވަރުގަދަ، ކުރަން ބޭނުންވާ މީހެކެވެ.
"ލާމަރުކަޒީ ނިޒާމަކީ އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފައިފި ނަމަ ރަށަށް ބޮޑު ތަރައްގީއެއް ގެނެވޭނެ ނިޒާމެއް. މައްސަލައަކީ ވެރިންނަށް އަންނަ މީހުންނަށް މި ނިޒާމުގެ ބޭނުން ހިފަން ނޭނގުން،" ވަހީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، އޭނާ މަކުނުދުއަށް ކުރިމަތިލެއްވީ މި ނިޒާމުގެ ހަގީގީ ފައިދާ އެހެން ރަށެއްގެ ރައްޔިތުންނަށްވެސް ހޯދައިދިނުމުގެ މާތް މަގުސަދާއި، ލާމަރުކަޒީ ނިޒާމަށްޓަކައި ވާ ގުރުބާނީއެއްގެ ގޮތުންނެވެ. ވަހީދުގެ މި ކާމިޔާބީއަކީ ހަމައެކަނި އިންތިޚާބީ ކާމިޔާބީއެއް ނޫނެވެ. މިއީ ރާއްޖޭގެ ކައުންސިލްތަކުގެ ވެރިންނަށް، ހިންގުންތެރިކަމާއި ތަޖުރިބާ ހުރި ނަމަ، ކޮންމެ ރަށެއްގެ ރައްޔިތުންގެ އިތުބާރު ވެސް ހޯދިދާނެކަން ސާބިތުކޮށްދިން ހަރުދަނާ މިސާލެކެވެ.
ވަޙީދުގެ މި ކާމިޔާބަކީ މަކުނުދޫއަށް ލިބުނު އުންމީދެއް ނަމަވެސް، އޭނާގެ އުފަން ރަށަށް ލިބިގެންދިޔަ ފަޅުކަމެކެވެ. ނަމަވެސް މިއީ މަގޫދޫގެ އިތުރުން މުޅި ފ. އަތޮޅަށްވެސް ލިބިގެންދިޔަ ރީތި ނަމެކެވެ. ކާމިޔާބެކެވެ. ފ. މަގޫދޫން އެރި ތަރި ދެން ފެންނާނީ ހދ. މަކުނުދޫ އުޑުމަތިންނެވެ. ވަޙީދުގެ މި ތާރީޚީ ކާމިޔާބަކީ ކައުންސިލް ހިންގުމުގައި އޭނާ ހޯއްދެވި ކާމިޔާބާއި ހުނަރާއި ތަޖުރިބާގެ ފޮނި މީރުކަމެވެ. ދެން އޮތީ ހުވާ ކުރެއްވުމަށްފަހު މަކުނުދޫ ކައުންސިލް ބާރަށް ހިންގާލުމުގެ ވަގުތެވެ.





