ހޮނިހިރު ދުވަހު ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގައި ދެ ވަނައަށް އެންމެ ނުފޫޒު ގަދަ އަދި އިންތިހާބު ތަކުގެ ނަތީޖާތައް އަނބުރައި ލުމުގެ ބާރު ދެވަނައަށް ލިބިފައިވާ އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް ގޮނޑިއެއް ވެރިކަންކުރާ ޕީއެންސީ ތަމްސީލު ކުރާ ކެންޑިޑޭޓަކަށް ނުލިބި، ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.
އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. މީގެކުރިން ކައުންސިލް އިންތިހާބުގެ ނަތީޖާއިން ދެއްކި ގޮތުގައި، 11 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަށަވަރުވިއެވެ.
ނަމަވެސް ކަށަވަރުނުވެ އޮތް، އައްޑޫ ހިތަދޫ މޫލެކެޑެ ދާއިރާގެ ގޮނޑިއާއެކު 11 ގޮނޑި މިހާރު އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ. އެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ނަޒީރެވެ. އޭނާއަށް 591 ވޯޓު ލިބުނު އިރު، ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދަށް ލިބުނީ 582 ވޯޓެވެ.
އެމްޑީޕީން ވަނީ ފަސް ސިޓީންވެސް ބޮޑު ކާމިޔާބެއް ހޯދައިފައެވެ. މިހާރުވެސް މާލެ ސިޓީ ފިޔަވައި، ސިޓީ ކައުންސިލުތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ފަސް ސިޓީގެ މޭޔަރުންގެ ގޮތުގައި ތިއްބެވީވެސް އެމްޑީޕީގެ މެންބަރުންނެވެ.
މި އިންތިހާބުގައި އެ ފަސް މޭޔަރުން ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. އެއީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއެވެ.
މި ނަތީޖާތަކަށް ބަލާއިރު ހާއްސަކޮށް އައްޑޫސިޓީން ޕީއެންސީއަށް ވަނީ ވަރަށްބޮޑު ނާކާމިޔާބަކާ ކުރިލާންޖެހިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ބަލާއިރު، މަޖިލީހުގައި އައްޑޫސިޓީގެ 8 ދާއިރާ ހިމެނޭއިރު، އޭގެތެރެއިން ފަސް ގޮނޑިއަށް އިންތހާބު ކޮށްފައިވަނީ ޕީއެންސީގެ މެންބަރުންނެވެ. އިދިކޮޅު އެމްޑީޕީއަށް އެންމެ ދެ ގޮޑިއެވެ. ދެ އިން 1 ގޮނޑިއަށް އިންތިހާބު ކޮށްފައި ވަނީ އަމިއްލަ މެންބަރަކެވެ.
އައްޑޫ ސިޓީ ކައުންސިލުން އެމްޑީޕީން ފުރިހަމަ މެޖޯރިޓީ ހޯދިއިރު، ދެން ހިމެނޭ ހަތަރު ސިޓީންވެސް އެމްޑީޕީއަށް ގެއްލިފައިވަނީ އެންމެ ގޮނޑިއެކެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މާލެ ސިޓީން ވިލިމާލެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. ވިލިމާލޭގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ސަމާހެވެ.
ފުވައްމުލަކުންވެސް 1 ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރިއިރު، އެ ގޮނޑިވެސް ޕީއެންސީއަށް ވަނީ ގެއްލިފައެވެ. އެމްޑީޕީން ވާދަކޮށްފައިނުވާ ދަނޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ. އޭނާ އާއި ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އަބްދުލް ގާދިރު އޮތީ ވަރަށް ގާތުގައެވެ.
ކުޅުދުއްފުށިންވެސް 1 ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ މިހާރުގެވެސް މެންބަރު، ޕީއެންސީގެ އިބްރާހިމް އަހުމަދެވެ. އެހެން ހުރިހާ ގޮނޑިއެއް އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކުރީ ބޮޑު ފަރަގަކުންނެވެ.
ތިނަދޫ ސިޓީންވެސް އެމްޑީޕީއަށް ގެއްލުނީ އެންމެ ގޮނޑިއެކެވެ. ކުޑަ ފަރަގަކާއެކު ތިނަދޫ ދެކުނު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ސަޚާއުﷲ ޝަމީމެވެ.





