ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްގެންދިޔަ "ހޭވައްލާ ތައްޔާރު" ކެންޕެއިންގެ ހަރަކާތްތައް ފޯރިއާއެކު ނިންމާލައިފިއެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާަޅުވީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، މާދަމާ ހެނދުނު ހެނދުނާ ވޯޓުލާ މަރުކަޒުތަކަށް ނިކުމެ "ތިލަފަތަށް" ވޯޓުދީ، ވޯޓު ފޮށިތައް ފުރާލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ޝާހިދު ވަނީ މި އިންތިޚާބަކީ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި އޮތް ޝުއޫރު ފާޅުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އެގޮތުން، ފެންނަ ނުފެންނަ ވޯޓުގައި މިހާރުގެ ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނުމަށް ޝާހިދު ރައްޔިތުންނަށް ގޮވާލެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، އިރާދަކުރެއްވިއްޔާ މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އެ ޕާޓީން ކާމިޔާބު ކުރާނީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުންނެވެ.
އަދި މި އިންތިޚާބުގެ ނަތީޖާއާއެކު، ރައްޔިތުން ސަރުކާރަށް ދޭނެ ޖަވާބަކީ ބޮޑުތަނުން "ނޫނެކޭ" ކަމަށްވެސް އެމަނިކުފާނު ވަރަށް ބޮޑު އިތުބާރަކާއެކު ވިދާޅުވިއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށާއި އަތޮޅުތަކުގެ ތަރައްޤީއަށް މަންދޫބުން ހޮވުމަށް ބޭއްވޭ މުހިންމު އިންތިޚާބެކެވެ. އެމްޑީޕީން މި އިންތިޚާބަށް ނިކުންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ފާޑުކިޔުން އޮތްކަން ހާމަކޮށްދިނުމުގެ އަޒުމުގައެވެ.





