ސަރުކާރުން ތަޢާރަފްކުރި ޓެކްސީލައިންގެ ޚިދުމަތް މިއަހަރުގެތެރޭގައި އައްޑޫސިޓީގައި ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމައް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އައްޑޫ ސިޓީއަކީވެސް ރާއްޖޭގެ އެހެން ރަށްތަކާއަޅާބަލާއިރު، އާބާދީގެ ގޮތުންވެސް ނިސްބަތުން ބޮޑު ރަށެއްކަމަށެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ޓެކްސީ ހޯދުމުގައި އެއަތޮޅުގެ ރައްޔިތުންނަށްވެސް ދަތިތަކާ ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ޓެކްސީ ހޯދުމުގެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިއަހަރުތެރޭ އައްޑޫ ސިޓީގައި ޓެކްސީލައިންގެ ޚިދުމަތް ޤާއިމްކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
"ރައީސް އަޅުގަނޑުމެންނަށް ދީފައިވާ އިރުޝާދާއެކީގަ މާލޭން ބޭރުގަ އެއީ އައްޑުއަތޮޅުގަވެސް މިފަދަ މުހިންމު ޚިދުމަތަކަށް މިހާރު ބޭނުންވެފަވާތީ އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރަމުން ގެންދަމު. އިރާދަކުރެއްވިއްޔާ މާލޭގަ މި ޚިދުމަތް އިފްތިތާޙްކުރެވުނު ފެންވަރުގަ ވަރަށް އަވަހަށް މިއަހަރުތެރޭގައި އައްޑޫސިޓީގައި ޓެކްސީ ލައިނެއް ޤާއިމްވެގެންދާނެ". ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ޓެކްސީލައިންގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށުމާއެކު، އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.





