ބޯޓުގެ މައްސަލައިގައި ބައްޕައާ ދެކޮޅަށް ކައިޒީން ސުޕްރީމް ކޯޓަށް

ބޯޓުގެ މައްސަލައިގައި ބައްޕައާ ދެކޮޅަށް ކައިޒީން ސުޕްރީމް ކޯޓަށް

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅާ ދެކޮޅަށް، ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާ ދެވަނަ ފަހަރަށް ސިވިލް ކޯޓަށް ފޮނުވަން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ "މިހިރީ 5″ ބޯޓު ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 ރުފިޔާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ ބޯޓު ގަތުމަށްފަހު، ބޯޓު އޭނާގެ ބައްޕަގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ރަޖިސްޓްރީން ބަދަލު ކޮށްފައިވަނީ އޭނާގެ ރުހުން ނެތި ކަމަށް ކައިޒީން ބުނެފައިވެއެވެ.

އެހެން ކަމުން ސިވިލް ކޯޓުގައި ކައިޒީން އެދިފައި ވަނީ، ބޯޓުގެ މިލްކު ވެރިފަރާތަކީ ކައިޒީން ކަމަށް ކަނޑައަޅުއްވައި ދެއްވައ،ި އޭނާގެ ބައްޕަގެ ނަމުގައި ބޯޓު ރަޖިސްޓަރީކޮށްފައި ވަނީ އޭނާގެ ރުހުން ނެތި ކަމުގައި ވާތ،ީ ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލު ކޮށްދިނުމަށް އޭނާގެ ބައްޕަ އަށާއި، ޓްރާންސްޕޯޓް މިނިސްޓްރީއަށް އަމުރު ކޮށްދިނުމަށެވެ.

މި މައްސަލައިގެ ދައުވާ އާއެކު، ވަގުތީ އަމުރަކަށް ކައިޒީން އެދިފައި ވާތީ، "މިހިރީ 5″ ބޯޓާގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގައ،ި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. އަދި މަަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި އެ ދައުވާއަށް އޭނާގެ ބައްޕަގެ ފަރާތުން ރައްދު ދީފައި ނުވާތީ އާއި، ހުށަހަޅަންޖެހޭ ލިއުންތައް ހުށަހަޅާފައި ނުވާތީ ފައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލައިގެ ހުކުމް ކޮށްދިނުމަށްވެސް ކަޒީންގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ކައިޒީންގެ ބައްޕަ ދައުވާއަށް ޖަވާބުދީފައި ނުވިނަމަވެސް ކޯޓު އަމުރަށާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ޖަވާބު ދީފައިވާ ކަމަށެވެ.

އެހެން ކަމުން މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ޣައިރު ހާޒިރުގައިކުރާ ހުކުމް ތަކަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 331 ވަނަ މާއްދާގެ ދަށުން ބަދަލު ނުވަތަ ބާތިލް ކުރުމަށް ފުރުސަތު އޮތް ހުކުމް ތަކަކަށް ވާތީ ކައިޒީންގެ ފަރާތުން އެދުނު ގޮތަށް އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ޝަރީއަތުން ނުދެކޭތ،ީ އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމް ކުރެވެން ނެތް ކަމަށް ނިންމައ،ި ދައުވާއަށް ރައްދު ހުށަހަޅަން އޭނާގެ ބައްޕައަށް ފުރުސަތު ދިނުމަށެވެ.

މި ހުކުމް ކައިޒީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މި އިސްތިއުނާފް މައްސަލައިގައި ކައިޒީންގެ ފަރާތުން ހުށަހަޅާފައި ވަނީ، ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލު ކޮށްދިނުމަށް އޭނާގެ ބައްޕަ އަށާއި، ޓްރާންސްޕޯޓް މިނިސްޓްރީއަށް އަމުރު ކޮށްދިނުމަށް ހުށަހެޅި ހުށަހެޅުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ.

މި މައްސަލަގައި 17 ޖެނުއަރީ 2024 ގައި ހައިކޯޓުން ހުކުމް ކުރީ، މި މައްސަލައިގައި ސިވިލް ކޯޓް އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމި ގޮތް ބާތިލްކޮށް، މި ގަޒިއްޔާގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ އަލީގައި، ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް އެދި، ކައިޒީންގެ ފަރާތުން ހުށަހެޅި ފޯޟުގައިވާ ކަންކަމާމެދު އަލުން ބަލައި ކޯޓުން ގޮތެއް ނިންމުމަށްޓަކައި ސިވިލް ކޯޓަށް މައްސަލަ ތަހުވީލު ކުރާ ކަމަށެވެ.

އެ ކަމާ ގުޅިގެން ދެވަނަ ފަހަރަށް ސިވިލް ކޯޓުން މައްސަލަ ބަލައި ހުކުމްކުރީ، އެ ބޯޓު ގައުމަށް ކައިޒީންގެ ފަރާތުން އޭނާގެ ބައްޕައަށް ދިން ކަމަށް ބުނާ ފައިސާ ދިން ގޮތާއި، ދިން އަދަދާއި ހެކި ވެރިޔާގެ ހެކި ބަހުގައި ފުށުއެރުން ތަކެއް ހުރުމުން ހެކިވެރިޔާގެ ހެކި ބަހާމެދު ސުވާލު އުފެދޭ ކަމަށެވެ.

މި ސަބަބަށްޓަކައި އެ ބޯޓަކީ ކައިޒީން 3،600،000 މިލިޔަން ރުފިޔާ ދީގެން، އޭނާގެ ބައްޕަ ގަނެފައިވާ ބޯޓެއްކަން މަދަނީ މިންގަނޑުން ސާބިތު ނުވާ ކަމަށެވެ.

ސިވިލް ކޯޓުގެ މި ނިންމުންވެސް ކައިޒީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ސިވިލް ކޯޓުގެ ހުކުމް ބާތިލް ކަމަށް ކަނޑައަޅައި މިފަހަރު 28 އޮކްޓޫބަރު 2025 ގައި ހައިކޯޓުން ހުކުމް ކުރީ މި މައްސަލައިގައި ދައުވާލިބޭ އިބްރާހިމް އަލިފުޅުގެ ފަރާތުން ހުށަހެޅި ދައުވާގެ ދިފާއުއާއެކު ޝަރީއަތް ހިންގުމަށް މި މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށެވެ.

ކައިޒީންގެ ފަތާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅީ ހައިކޯޓުން ކުރި މި ހުކުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *