ވ. ފެލިދޫ ކައިރިން މިމަހުގެ 17 ވަނަ ދުވަހު ލޯންޗު އެކްސިޑެންޓު ހިނގި ސަރަހައްދުގެ ކަނޑުއަޑިން އަތެއް ފެނިއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލިދޫ ޝާކް ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށް، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާކަމުގެ ރިޕޯޓު މިއަދު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމީހުންނަށް ފެނިފައިވާ ގުނަވަނެއްގެ ބަޔަކީ މީހެއްގެ އަތެކެވެ. އެ އެކްސިޑެންޓުގައި ވަނީ މީހެއްގެ އަތެއް ވެސް ބުރިވެފައެވެ. އޭގެ އިތުރުން އެ ހާދިސާގައި ދެ މީހަކު ވަނީ ގެއްލިފައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވ. ފެލިދޫ ކައިރީގައި ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ އިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
”އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި ވަނީ އިންޑިއާއަށް ފުރައިފައެވެ..،“ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިވާ ކަމަށާއި އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ.
އެ ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމުލަ ހަތް މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
”މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ..،“ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ.
އެ ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންހާނިއާ ވެސް ދަތުރުކުރިއެވެ. އޭނާއަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ. އެ ލޯންޗު ދުއްވާފައިވަނީ ގޯތަމް ސިންހާނިއާއެވެ.
ފުލުހުން ދަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ.





